ރިތިކް ރޯޝަންގެ ކުރީގެ އަންހެނުން ސުޒޭން ޙާން، އޭނާގެ ލޯބިވެރިޔާއާއެކު ކައިވެނިކުރަން އުޅޭ ކަމަށް ހަބަރު ފެތުރިއްޖެ އެވެ.

އިންޑިޔާގެ ނޫސްތަކުން ބުނާގޮތުގައި ސުޒޭން ލޯބގެ ގޮތުން ގުޅިފައިވަނީ އަރްސްލަން ގޯނީއާ އެވެ. ޕާޓީތަކުންނާއި ބައްދަލުވުންތަކުން އެ ދެމީހުން އެކީގައި ފެނުނު ނަމަވެސް، މިކަން، ސުޒޭން ނުވަތަ އޭނާގެ ލޯބިވެރިޔާ ސޯޝަލް މީޑިއާއާ ހިއްސާކޮށްފައެއް ނުވެ އެވެ.

ނަމަވެސް ފަހަކަށް އައިސް އަރްސްލަން އާއި ސުޒޭންގެ ގުޅުން އާންމުންނަށް ހާމަވަމުން ގޮސްފައިވާއިރު، އެކަން އެ ދެމީހުން ވެސް ސިއްރުކޮށްފައެއް ނުވެ އެވެ. އަދި މިފަހުން ދެމީހުން ވެސް ދިޔައީ އެކަކު އަނެކަކުގެ ފޮޓޯ ސޯޝަލް މީޑިއާގައި އާންމު ކުރަމުންނެވެ.

އިންޑިއާގެ ނޫހެއް ކަމަށްވާ ބޮލީވުޑް ލައިފަށް މައުލޫމާތުދެމުން ސުޒޭންގެ ގާތް މީހަކު ބުނީ، ސުޒޭން އާއި ރިތިކަކީ މޮޑާން ޕޭރެންޓިންގެ ނަމޫނާއެއް ކަމަށެވެ. އަދި އެދެމީހުން ވަކިވި ނަމަވެސް އެކަކު އަނެކަކަށް ނުރުހުންތެރިކަން ނުބާއްވާ ކަމަށާއި، ދެމީހުން ވަކިވުމަށްފަހު ދިމާވި ހުރިހާ ގޮންޖެހުންތަކަށް އެކަކު އަނެކަކަށް ސަޕޯޓު ކުރިކަމަށް އޭނާ ބުނެފައިވެ އެވެ.

އޭނާ ވަނީ ސުޒޭން އާއި އަރްސްލަން މިހާރު ދަނީ ކައިވެނީގެ ގޮތުން ގުޅުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވަމުން ކަމަށް ވެސް ބުނެފަ އެވެ.

ސުޒޭންގެ ކައިވެނީގެ ވާހަކަތައް ދެކެވެމުންދާއިރު، ރިތިކު ވެސް ވަރަށް އަވަހަށް ކައިވެނިކުރާނެ ވާހަކަތައް ދަނީ ސޯޝަލްމީޑިއާގައި ދެކެވެމުންނެވެ. ރިތިކު ލޯބީގެ ގޮތުން ގުޅިގެން އުޅެނީ ސަބާ އާޒާދު އާއެވެ.