މާލޭގައި މިރޭ ވަރަށް އަނިޔާވެރިކޮށް މަރާލި އަންހެން މީހާގެ ބޯ އޮތީ ހަށިގަނޑާ ވަކިކޮށްލާފައި ކަމަށް އިތުބާރުހުރި ގޮތަކަށް އެނގިއްޖެ އެވެ.

މިރޭ 10:30 ހާއިރު، މަރާލާފައި އޮތް އަންހެން މީހާ ފެނިފައި ވަނީ ޗީބޯ ގޯޅި ތެރޭގައި ހުރި ހ. ޝީރީން ވިލާގަ އެވެ.

އެ ހާދިސާ ހިނގި ސަރަހައްދުގައި ހުރި "ހުރިހާ"ގެ ނޫސްވެރިއަކު ބުނީ މާފަންނަށް ނިސްބަތްވާ އެ އަންހެން ކުއްޖެއް ކަމަށް އެ ސަރަހައްދުގައި ހުރި މީހަކު ބުނި ކަމަށެވެ. ނަމަވެސް އެ އަންހެން މީހާގެ ވަނަވަރެއް އަދިވެސް ސާފުވާ ގޮތެއް ނުވެ އެވެ. އަދި އެ މީހާގެ ހަށިގަނޑު މީގެ އިރުކޮޅެއް ކުރިން ވަނީ އެމްބިއުލަންސެއްގައި އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ.

އަންހެން މީހާގެ ހަށިގަނޑު ދުށް މީހަކާ ހަވާލާދީ އެ ނޫސްވެރިޔާ ބުނީ، ބޯ ބުރިކުރުމުގެ އިތުރުން އުޅަނބޮއްޓާ ހިސާބުން އަތް އޮތީ ބުރިކޮށްލައިފަ އެވެ. ދެ ފައި ވެސް ބުރިކޮށްލައިފައިވާ ކަމަށް އެ މީހާ ހަވާލާދީ ނޫސްވެރިޔާ ބުންޏެވެ.

މާލޭގައި މިރޭ އަނިޔާވެރިގޮތަކަށް މަރާލި އަންހެން މީހާގެ ހަށިގަނޑު އައިޖީއެމްއެޗްގެ އެމްބިއުލަންސްގައި ގެންދަނީ. ފޮޓޯ | ހުރިހާ

އެ ސަރަހައްދުގައި ހުރި މީހަކު ބުނީ އެ އަންހެން މީހާގެ ހަށިގަނޑު ފުލުހުން ބޮޑީ ބޭގަކަށްލައިގެން ގެންދިޔައިރު ވަކި ދެ ބޭގެއް ގެންދިޔަ ކަމަށެވެ. އަދި ބޮޑަށް ބެލެވެނީ ވަކި ގެންދިޔަ ބޭގަކީ އެ އަންހެން މީހާގެ ބޯ ހިފައިގެން ދިޔަ ބޭގް ކަމަށް އޭނާ ބުންޏެވެ.

އެ އަންހެން މީހާގެ ހަށިގަނޑު މިހާރު އޮތީ ގަލޮޅު މޯޗަރީގައި ކަމަށް ނޫސްވެރިޔާ ބުންޏެވެ.

މާލޭގައި މިރޭ ވަޅިން ހަމަލާދީ އަންހެން މީހާ މަރާލި ކަމަށް ތުހުމަތުކުރާ އަލީ ޝާހިލް. ފޮޓޯ | ހުރިހާ

މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ އެކަކު ހައްޔަރުކޮށްފަ އެވެ. އަދި އެއީ ރާއްޖޭގެ އެންމެ މޮޅު އެއް ސްކޭޓަރު، ފ. ނިލަންދޫ، ފިނިފެންމާގެ، އަލީ ޝާހިލް 22، ކަމަށްވެ އެވެ. ނަމަވެސް ފުލުހުން އެކަން ކަށަވަރުކޮށް ނުދެ އެވެ.

އެ ހަމަލާދިން ފިރިހެން މީހާ ފުލުހުން ގެންދިޔައީ އެއްވެސް މީހަކަށް ނުވަދެވޭ ގޮތަށް މަގު ބަންދުކުރުމަށްފަހު ހެޒްމަޓް ސޫޓު ލައްވައިގެން ފުލުހުންގެ ވެހިކަލެއްގަ އެވެ.

އެޑިޓަރުގެ ނޯޓް: މި ހާދިސާގައި މަރާލި އަންހެން ކުއްޖާގެ ވަނަވަރާއި އަދި އެ ގަތުލު ހިންގި މީހާގެ ވަނަވަރު ހޯދުމުގެ މަސައްކަތްކުރަމުންދާތީ މައުލޫމާތުތައް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ.