ގިނަ ދުވަސްތަކަކު ބަންދުގައި ބެހެއްޓުމަށްފަހު ދީނީ އިލްމުވެރިޔާ ޝެއިހް އާދަމް ނިޝާން ބަންދުން ދޫކޮށްލައިފި އެވެ.

ޔޯގާ ހަމަނުޖެހުމާ ގުޅިގެން ނިޝާން ހައްޔަރުކޮށްފައިވާއިރު، އޭނާ ހައްޔަރުކުރީ، މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު އޭނާގެ ދަރިފުޅު ގޮވައިގެން ނަމާދަށް ދަނިކޮށެވެ. އަދި ހަތަރު ފަހަރެއްގެ މަތިން ނިޝާންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އޭނާ ދޫކޮށްލާފައިވަނީ، އަނެއްކާވެސް ބަންދުގެ މުއްދަތު 16 ދުވަހަށް އިތުރުކޮށްދިނުމަށް ފުލުހުން އެދިފައި ވަނިކޮށެވެ.

ކްރިމިނަލް ކޯޓުން މިއަދު ޝައިހް ނިޝާން ބަންދުން ދޫކޮށްލީ ޝަރުތުތަކެއް ކުރުމަށްފަހު އެވެ. އެގޮތުން މާލެއިން ބޭރަށް ދިއުން އޭނާއަށް މަނާކޮށްފައިވާއިރު، ފޯނު ނަމްބަރު ބަދަލުވެއްޖެ ނަމަ އަންގައި ފުލުހުންގެ ތަހުގީގުތަކަށް ހާޒިރުކުރުމަށް ނިޝާނަށް ޝަރުތުކޮށްފައިވެ އެވެ.

މިދިޔަ ޖޫންމަހު ނިޝާން ހައްޔަރުކޮށްފައިވާއިރު، އޭނާ ދޫކޮށްލާފައިވަނީ ބަންދުގައި ހުންނަތާ 45 ދުވަސް ފަހުންނެވެ.

ޔޯގާ ހަރަކާތާއި ގުޅިގެން ހައްޔަރުކުރި މީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތަކީ، މާރާމާރީ ހިންގައި، އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދީ، އާންމުންގެ ހިތްތަކުގައި ބިރުވެރިކަން އުފެދޭ ގޮތަށް ހަމަނުޖެހުން ހިންގައި، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅާފައިވާކަމުގެ ތުހުމަތެވެ.

މިގޮތުން ހަރަކާތްތެރިވި ފުލުހުންގެ ބަހާއި، ސީސީޓީވީ ފުޓޭޖުގެ އިތުރުން އިންޓެލިޖެންސް ރިޕޯޓު ވަނީ ހެކީގެ ގޮތުގައި އެ މީހުންނާ ދެކޮޅަށް ވަނީ ހުށަހަޅައިފަ އެވެ.