މިހާލަތަށް ރާއްޖެ ދިޔުމަށް މެދުވެރިވި ސަބަބު ބަލަންޖެހޭ ކަމަށް ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. ވަހީދު މިފަދައިން ވިދާޅުވީ ރޭގެ ވަގުތެއްގައި މާލޭގެ ގެއެއްގައި ފުވައްމުލަކަށް ނިސްބަތްވާ ޒުވާން އަންހެންކުއްޖެއް އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައާ ގުޅިގެންނެވެ.

މަރާލާފައި ވަނީ އުމުރުން 22 އަހަރުގެ ޝިއާއު މުހައްމަދު ސައީދު (ޝިއާ) އެވެ.

އޭނާ މަރާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނީ ރާއްޖޭގެ މަޝްހޫރު ސްކޭޓާ އަލީ ޝާހިލް، 23 އެވެ. މިހާރު ޝާހިލު ވަނީ މިމައްސަލަ ތަހުގީގު ނިމެންދެން ބަންދުގައި ބެހެއްޓުމަށް ހުކުމްކޮށްފަ އެވެ. އަދި ޝިއާއުގެ މަރު އިތުރަށް ދެނެގަތުމަށް އޭނާގެ ހަށިގަނޑު ޕޯސްޓްމޯޓަށް ހެދުމަށް އިންޑިއާއަށް ފޮނުވުމަށް ފުލުހުން ވަނީ ނިންމާފަ އެވެ.

މިހާދިސާއާއި ގުޅިގެން ކުރީގެ ރައީސް ވަހީދު ވިދާޅުވީ މިއީ ދިވެހިން ކުރިން ދަންނަ ރާއްޖެއެއް ނޫން ކަމަށެވެ. މިހާރު ގައުމުގެ ހާލަތު ގޮސްފައިވާ ސަބަބު ދެނެގަންނަށް ޖެހޭ ކަމަށްވެސް ޑރ. ވަހީދު ވިދާޅުވި އެވެ.

މި ހާދިސާއާ ގުޅިގެން ސިޔާސީ ބޭފުޅުންނާއި އާންމު އަންނަނީ މަރުގެ އަދަބު ތަންފީޒުކުރުމަށް ގޮވާލަމުންނެވެ. އަދި ރޭ ހިނގައި ދިޔަ މައްސަލަ ތަހުގީގުކޮށް އަދަބުދޭން ޖެހޭ ފަރާތްތައް އަދަބު ދިނުމަށް ވެސް އަންނަނީ ގޮވަމުންނެވެ.

ފުލުހުން ބުނީ މަރުގެ ހާދިސާ ހިންގި ތަނުން ޝާހިލް ހައްޔަރުކުރި ނަމަވެސް އޭނާ ކުށަށް އިއުތިރާފުވެފައި ނުވާ ކަމަށެވެ.