ކަސްރަތު ކުރުމުގެ އެތައް އެދެވޭ އަސަރެއް ސިކުނޑިއަށް ވެސް ފޯރާ ކަމަށް ދިރާސާތަކުން ދައްކަ އެވެ. ކަސްރަތުގެ ސަބަބުން ނަފްސާނީ ދުޅަހެޔޮކަންވެސް އިތުރުވެ އެވެ.

ސްޓްރެސް ދަށްކޮށްދޭ

އަހަރުމުންގެ ސިކުނޑި ސްޓްރެސް ބަލައިގަންނަ ގޮތް ބަދަލުކޮށްލުމުގައި އެންމެ ބޮޑު ރޯލެއް ކުޅޭ އެއް މާއްދާއަކީ ނޮރެޕްނެފްރިންއެވެ. ކަސްރަތުގެ ސަބަބުން އަހަރެމެންގެ ސިކުނޑީގައި ނޮރެޕްނެފްރިން އުފައްދާ މިންވަރު އިތުރުކޮށްދެ އެވެ.

ޑިޕްރެޝަން އާ ކުރިމަތިލުމަށް އެހީވެދޭ

ދިރާސާތަކުން ދައްކާ ގޮތުގައި ކުޑަ އަދި މެދުމިނުގެ ޑިޕްރެޝަންއަށް ފަރުވާކުރުމަށް ދެވޭ އެންޓިޑެޕްރެޝަން ބޭހުން ލިބޭ ފައިދާ ކަސްރަތުކުރުމުން ލިބެ އެވެ. އަދި ކުރިން ޑިޕްރެޝަން ތަހަންމަލްކޮށްފައިވާ މީހެއް ގަވާއިދުން ކަސްރަތުކުރާނަމަ އަލުން ޑިޕްރެޝަން ކުރިމަތިވުމުގެ ފުރުސަތު ކުޑަކޮށްދޭކަމަށް ވެސް ދިރާސާތަކުން ދައްކަ އެވެ.

އަމިއްލަ ނަފްސަށް އިތުބާރުކުރެވޭ މިންވަރު އިތުރުވޭ

ކަސްރަތު ކުރަން އާދަވުމުން އަހަރެމެން އަމިއްލަ ނަފްސާމެދު ދެކޭގޮތް ބަދަލުކޮށްލަ އެވެ. ތިމާގެ ހަށިގަނޑާ މެދު ހިތްހަމަޖެހި، ތިމާއަކީ ރީތި އަދި ހިތްވަރުގަދަ މީހެއް ގޮތުގައި އަމިއްލަ ނަފްސު ދެކެން ފަށަ އެވެ. މިކަމުގެ ސަބަބުން އަމިއްލަ ނަފްސުދެކެ ލޯބިވާ މިންވަރު އިތުރުވެ އަމިއްލަ ނަފްސަށް އޮންނަ އިތުބާރު އިތުރުވެ ވަރުގަދަވެ އެވެ.

ވިސްނުން ތޫނުވެ ހަނދާން ވަރުގަދަވޭ

ކަސްރަތު ކުރުމުގެ ސަބަބުން ސިކުނޑީގައި އިންސާނާގެ ހަނދާންތައް ރައްކާކޮށްދިނުމުގައި ވަރަށް ބޮޑު ރޯލެއް އަދާކުރާ ހިޕޮކޭމްޕަސްގައި އާ ސެލްތައް އުފެއްދުމަށް އެހީވެދެ އެވެ. މިކަމުގެ ސަބަބުން ހަނދާން ވަރުގަދަވެ ކިޔަވަން ފަސޭހަވެ އެވެ. އަދި އުމުރުން ދުވަސްވުމުން ހަނދާން ބަލިވުމަށް މެދުވެރިވާ މައްސަލަ ދައްކޮށްދެ އެވެ.

އެންޒައިޓީއަށް އެހީވެދޭ

ކަސްރަތުގެ ސަބަބުންވެސް ގައިން ދާހިއްލާ، ހިތުގެ ހިނގުން އަވަސްވެ، ނޭވާ ކުރުވެއެވެ. މިކަމުގެ ސަބަބުން އެންޒައިޓީ އަދި ޕެނިކް އެޓޭކް ތަހައްމަލްކުރާ މީހަކަށް، ހަށިގަނޑަށް އަންނަ މިފަދަ ބަދަލުތަކާ ކުރިމަތިލާން ދަސްވެގެ އެވެ. އަދި މިކަމުގެ ސަބަބުން އެންޒައިޓީ އަދި ޕެނިކް އެޓޭކްތަކާ ކުރިމަތިލާން ޖެހޭ މިންވަރު މަދުވެ މި ބައްޔަށް ފަރުވާ ލިބިގެންދެ އެވެ.