ބޮލީވުޑްގައި ފުންނާބު އުސް ފިރިހެން އެކްޓަރުންގެ ތެރޭގައި އަކްޝޭ ކުމާރު ހިމެނެ އެވެ.

ހަމައެހެންމެ ގިނަ ބަޔަކަށް ނޭނގޭ އެއް ހަގީގަތަކީ، އިންޑިއާ ފިލްމު އިންޑަސްޓްރީގެ ބޮކްސް އޮފީސް "ކިންގުން" ގެ ގޮތުގައި ފާހަގަކޮށްލެވޭ މި ފަންނާނު މިއަދު ހުރި މަގާމަށް ވާސިލުވުމުގެ ކުރިން ވެސް މި ދާއިރާ ނޫން އެހެން ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ ކަމެވެ.

އެގޮތުން އަކްޝޭ ވަނީ، ފިލްމީތަރިއަކަށް ވުމުގެ ކުރިން އިންޑިއާގެ ސިޓީއެއް ކަމުގައިވާ ކަލްކަތާއަށް ނިސްބަތްވާ ޓްރެވަލް އޭޖެންސީއެއްގައި މަސައްކަތް ކޮށްފަ އެވެ. އަދި އޭގެ ފަހުން އޭނާ މަސައްކަތް ކޮށްފައިވަނީ ގަހަނާ ވިއްކާ ފިހާރައެއްގައި ސޭލްސް މޭން އެއްގެ ވަޒީފާއެއްގަ އެވެ.

ހަރުފަތަކަށް ފަހު ހަރުފަތެއް ގިރާކުރަމުން އަކްޝޭ ވަނީ އޭނާގެ ހުވަފެންތައް ކާމިޔާބުކޮށް، އޭނާ ބޭނުންވާ މަންޒިލަށް އައިސްފަ އެވެ. އޭނާއަށް އިތުރު ދާއިރާތަކުން ކުރިއަށް ދިއުމަށް ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް އިތުރު މަސައްކަތެއް ކުރާކަށް އޭނާ ބޭނުމެއް ނުވެ އެވެ.

އަކްޝޭ ބުނާގޮތުން އޭނާ އެންމެ ކުރާހިތްވާ މަސައްކަތަކީ އެކްޓު ކުރުން ކަމަށާއި، މުނިފޫހި ފިލުވުމުގެ ދާއިރާގައި ބެލުންތެރިންނަށް ހިދުމަތް ކޮށްދިނުމުގައި އުމުރު ދުވަހު ދެމިހުންނާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.