ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއްޖިންސުން ގުޅުން ހިންގި މައްސަލާގައި ހައްޔަރުކުރި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮށްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރު ބަންދުން ދޫކޮށްލައިފި އެވެ.

"ހުރިހާ"އަށް އެނގިފައިވާގޮތުގައި އެ މައްސަލާގައި ދެން ހައްޔަރުކުރި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް) އާއި ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު ވެސް ވަނީ ދޫކޮށްލައިފަ އެވެ.

ނާޒިމް ސައްތާރު ދޫކޮށްލާފައި މިވަނީ އޭނާގެ މައްސަލައިގެ ތަހުގީގު ފުރިހަމަ ނުކޮށް ޕީޖީ އޮފީހަށް ފޮނުވި ކަމުގެ އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ނާޒިމް ސައްޔާރުގެ ތަހުގީގުގައި ގޯސްތަކެއް ހަދައި، ޝަރުއީ މަރުހަލާއިން އޭނާ ސަލާމަތްވާން މަގުފަހި ކުރުމަށް ވެސް މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސަރުކާރާއެކު ހަދާ ޑީލެއްގެ ދަށުން އޭނާ ރާއްޖެއިން ބޭރަށް ފުރުވާލަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.

މި ތުހުމަތުތަކާ ގުޅިގެން ސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ އެވެ.

ނާޒިމް ސައްތާރު ހައްޔަރުކުރުމުން ރައީސް ނަޝީދު ވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފަ އެވެ. އަދި އެކަން ސާބިތުކޮށްދޭން އެމަނިކުފާނު އަރިހު އެތައް ބަޔަކު އެދުމުން އެކަން ވެސް އެމަނިކުފާނަކަށް ނުކުރެއްވުނެވެ.

އެއަށްފަހު ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އެމްޑީޕީން ތައްޔާރުވި އެވެ. ނަމަވެސް އެ މަސައްކަތް ވެސް ޑީލެއްގެ ދަށުން ހުއްޓާލަން އުޅޭ ކަމުގެ އަޑުތަކެއް ވަނީ ފެތުރިފަ އެވެ.