ނިއު ޔޯކް (13 އޮގަސްޓް) - އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ލިޔުނު ފޮތެއްގެ މައްސަލާގައި މަރުގެ އިންޒާރުތައް ދީފައިވާ ލިޔުންތެރިޔާ ސަލްމާން ރުޝްދީގެ ކަރަށް ވަޅި ހަރައި ޒަހަމް ކޮށްލައިފި އެވެ.

ސަލްމާން ރުޝްދީގެ ކަރަށް ވަޅި ހަރާފައި ވަނީ އެމެރިކާގެ ނިއު ޔޯކްގައި ބޭއްވި އިވެންޓެއްގެ ތެރެއިން ސްޓޭޖްގައި ވާހަކަ ދައްކަން ތައްޔާރު ވަމުން ދަނިކޮށެވެ. ކާކުކަން އެނގިފައި ނުވާ މީހަކު ވަނީ ސްޓޭޖަށް އަރައި ސަލްމާނުގެ ކަރަށް ވަޅިން 15 ފަހަރު ހަމަލާ ދީފަ އެވެ.

އިނގިރޭސި ރައްޔިތުކަން ހޯދާފައިވާ އިންޑިއާ ދަރިކޮޅުގެ ސަލްމާން ރުޝްދީ 1988 ވަނަ އަހަރު ލިޔުނު "ސާޓަނިކް ވާސަސް"ގައި އިސްލާމް ދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް ވާހަކަތަކެން ޝާއިއު ކުރި ފަހުން އޭނާއަށް ވަނީ ގިނަ މުސްލިމް ގައުމުތަކެއްގެ ނުރުހުން އަމާޒުވެފަ އެވެ. އެކަމާ ގުޅިގެން އީރާނުން ވަނީ އޭނާގެ ބޮލަށް ފައިސާގެ އިނާމު ވެސް ހުށައަޅައިފަ އެވެ.

އެ ދުވަހުން ފެށިގެން މިހާތަނަށް ސަލްމާން އުޅެމުން އައީ ވަރަށް ސިއްރުވެރި ދިރިއުޅުމެކެވެ. މަރުގެ އިންޒާރުތަކާއެކު އޭނާ ވަނީ ފުލުހުންގެ ރައްކާތެރިކަމުގައި ވެސް އެތައް އަހަރުތަކެއް ހޭދަ ކޮށްފަ އެވެ.

ރޭގެ ހަމަލާގައި ސަލްމާންއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލެއް ލިބިފައި ނެތް ނަމަވެސް ނިއު ޔޯކްރެ ހޮސްޕިޓަލެއްގައި އޭނާގެ ސާޖަރީތަކެއް ކުރެވެމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަލާއާ ގުޅިގެން އެކަކު ހައްޔަރު ކޮށްފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.

ސަލްމާން ރުޝްދީއަކީ އިންޑިއާގެ މުސްލިމް އާއިލާއަކަށް އުފަންވި ނަމަވެސް މިހާރު އެއްވެސް ދީނެއް ގަބޫލު ނުކުރާ އަދި ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ވާކާލާތު ކުރާ މީހެކެވެ.

ސަލްމާން ރުޝްދީގެ ދަ ސާޓަނިކް ވާސަސް ވިއްކުން އިންޑިއާ ހިމެނޭހެން ދުނިޔޭގެ 13 ގައުމެއްގައި މަނާ ކުރެވުނުއިރު އިސްލާމީ ދުނިޔޭގައި އޭނާ މަޝްހޫރު ވެފައިވަނީ އިބިލީހުގެ ބައިވެރިޔާގެ ގޮތުގަ އެވެ. -- އަލް އަރަބިއްޔާ