ދުނިޔެއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެ، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ޒުވާނުންގެ އާބާދީގެ ދައުރަކީ މުޅި ދުނިޔެއަށް ވެސް ވަރަށް މުހިއްމު ދައުރެއް ކަމުގައި ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޔޫތު މިނިސްޓްރީ އާއި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ރާއްޖޭގައި ހުންނަ އދ. ގެ އޮފީސް ގުޅިގެން، ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ކުޅުދުއްފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ޖަލްސާގައި ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ، ކޮވިޑް-19 އާ ގުޅިގެން ދުނިޔެއަށް ކުރިމަތިވި ދަތިތަކާއި އިގުތިސާދީ އިޖުތިމާއީ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފަ އެވެ.
މިމޭރުމުން ވާހަކަފުޅު ކުރިޔަށް ގެންދަވަމުން އެމަނިކުފާނު ވިދާޅުވީ، ކޮވިޑް-19އިން އަރައިގަނެ ކުރިޔަށް ދިޔުމަށް މަސައްކަތް ކުރާއިރު، މުޖުތަމުގެ ވިސްނުންތަކާއި އެކު ކަންކަން ނިންމުމުގައި ޒުވާނުންގެ ދައުރެއް އޮތުމަކީ މުހިއްމުކަމެއް ކަމަށެވެ. އަދި އެކަމުގައި އޮތް ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެ މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަކީ، ޒުވާނުން ކަމަށާއި، އެހެންކަމުން ތަރައްގީގެ ކޮންމެ މަރުހަލާއެއްގައި ވެސް އެ މީހުން ޝާމިލުކުރުމަކީ ނުހަނު ބޭނުންތެރި ކަމެއް ކަމަށެވެ. އަދި ރާއްޖޭގެ ތަރައްގީގެ މަސައްކަތުގައި، ރާއްޖޭގެ ޒުވާން އާބާދީ އަދާކުރާ ދައުރަކީ، ޝައްކެއްވެސްނެތްގޮތުގައި، ވަރަށް މުހިންމު ދައުރެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި، ރާއްޖޭގެ ސިވިލް ސާވިސްގައި އެގާރަހާހަށް ވުރެ ގިނަ ޒުވާނުން ވަޒީފާއަދާކުރަމުންދާކަމަށާ، އިތުރު އެތައް ޒުވާނުންނެއް ޕްރައިވެޓް ސެކްޓަރގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރެއްވި އެވެ. އެމަނިކުފާނު ވިދާޅުވީ، ކޮވިޑް-19 އާއި ދެކޮޅަށް މަސައްކަތް ކުރުމުގައި ޒުވާނުންގެ ފަރާތުން ވެސް ނަމޫނާ މަސައްކަތްތަކެއް ފެނިގެން ދިޔަ ކަމަށެވެ. އަދި އެ މަސައްކަތްތަކުގެ ތެރެއިން، ރާއްޖޭގެ ޒުވާނުންގެ އާބާދީއަކީ ރާއްޖޭގެ މުސްތަޤްބަލަށް އުންމީދީ އާބާދީއެއްކަން ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނައިބު ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މާދަމާގެ މުސްތަގުބަލަށްޓަކައި އެންމެ މުހިއްމު ކަމަކީ، ޒުވާނުން ބާރުވެރިކުރުން ކަމަށާއި، ޒުވާނުންނަށް ތައުލީމާއި ތަމްރީންގެ ފުރުޞަތުތައް ހޯދައިދީ، ޒުވާނުންނަކީ ގާބިލް ބަޔަކަށް ހެދުން ކަމަށެވެ. އަދި މިކަމަކީ އެންމެން އެއްބައިވެ އެކުގައި މަސައްކަތް ކުރަންޖެހޭ ކަމެއްކަމުގައި ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އަދި މިވަގުތު ދިވެހި ގައުމު ބޭނުން ވަނީ އެންމެން އެކުވެ އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމަށް ވެސް ނައިބު ރައީސް ވިދާޅުވި އެވެ.
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަސް ފާހަގަކުރުމަށާއި ޒުވާނުންގެ ދުވަހުގެ ހަރަކާތްތައް ފެށުމުގެ ގޮތުން ބޭއްވި މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ދުވަހާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ޚާއްސަ ވީޑިއޯއެއް ވެސް އިފްތިތާހު ކޮށްދެއްފަ އެވެ.
މިޖަލްސާގައި ރާއްޖޭގައި ހުންނަވާ އދ. ގެ ރެސިޑެންޓް ކޯޑިނޭޓަރު ކެތަރިން ހެސްވެލް އާއި ޔޫތު މިނިސްޓްރީގެ އިސްބޭފުޅުންނާއި، ރައްޔިތުންގެ މަޖިލީހުގައި ކުޅުދުއްފުށީދާއިރާތައް ތަމްސީލް ކުރައްވާ މެމްބަރުންނާއި، ކުޅުދުއްފުށީ ސިޓީގެ މޭޔަރާއި، ކުޅުދުއްފުށީގެ މުއައްސަސާތަކުގެ ވެރިން ބައިވެރިވި އެވެ.
ބައިނަލްއަގުވާމީ ޒުވާނުންގެ ދުވަހުގެ ގޮތުގައި ފާހަގަކުރަމުން އަންނަނީ، ކޮންމެ އަހަރެއްގެވެސް އޮގަސްޓް މަހުގެ 12 ވަނަ ދުވަހެވެ.
މިއަހަރުގެ ޒުވާނުންގެ ދުވަހުގެ ޝިއާރަކީ، "ޖީލުތަކުގެ އެއްބައިވަންތަކަށް، ހުރިހާ އުމުރުފުރައަކާއި ގުޅޭ ދުނިޔެއެއް ބިނާކުރުން." މި ޝިއާރެވެ.