އައްޑޫ މަގުތައް ހަދާ ނިމޭއިރު މަގުތަކަކީ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އައްޑޫސިޓީގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެ އެވެ.

އައްޑޫގެ މަގުތައް ހަދަމުންދާ ގޮތުން ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ނިޒާރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އައްޑޫ މަގު ހެދުމުގެ މަސައްކަތަކީ ސަރުކާރުން ރައްޔިތުންނަށް ކޮށްދެއްވާ ވަރަށް ބޮޑު ހޭދައެއް ކަމަށެވެ.

މިމަސައްކަތުގެ ފެންވަރާއި މަސައްކަތް ކުރަމުންދާ ގޮތާމެދު ރައްޔިތުންގެ ޝަކުވާތައް އިންތިހާ އަށް އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކައުންސިލުން ތަކުރާރުކޮށް މި ޝަކުވާތައް ޕްލޭނިންގ މިނިސްޓްރީއަށް ހުށައަޅަމުންދާ ކަމަށާއި އެހެން ނަމަވެސް ހައްލެއް ނުލިބި މަސައްކަތް ނިމޭއިރު މި މަގުތަކަކީ ރައްޔިތުންނަށް މުސީބާތަކަށް ވެދާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޕްލޭނިންގ މިނިސްޓްރީއަށް މަސައްކަތް ބެލެންވާ ވަރަށް ނުބެލޭ ކަމަށްވެސް ނިޒާރު ވިދާޅުވި އެވެ.

ރައްޔިތުން އެދެނީ މަގުތައް ރަނގަޅު ފެންވަރަކަށް ގިނަ ދުވަހަށް އޮންނަ ގޮތަށް މަސައްކަތް ކުރިއަށް ގެންދިއުން ކަމަށާއި އަދި އެއީ ސަރުކާރުންވެސް ބޭނުންވާނެ ގޮތް ކަމަށާއި އެހެންނަމަވެސް މިހާރު މަސައްކަތް ދާ ގޮތަށް ދާނަމަ އެ އުއްމީދުގައި ކުލަޖެހި ނުދާނެ ކަމަށް ނިޒާރު ވިދާޅުވި އެވެ.

އައްޑޫ މަގު ހެދުމުގެ މަޝްރޫއަކީ އިންޑިއާ އެގްޒިމް ބޭންކްގެ 800 މިލިއަން ރުފިޔާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން އެ ގައުމުގެ އެފްކޮންސް އިންފްރާސްޓަކްޗަ ލިމިޓެޑާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ. މި މަސައްކަތުގެ ތެރެއިން އައްޑޫގެ އަވަށްތަކުގެ މަގުތަކުގެ އިތުރުން ހަންކެޑެ އާއި ގައުކެނޑި ގުޅިފައި އޮތް ކޯޒްވޭ ބަދަލުކުރުން ވެސް ހިމެނެ އެވެ.