މި މަސް ނިމުމުގެ ކުރިން ރާއްޖެއަށް 500،000 ޓޫރިސްޓުން ގެންނަން ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އިއްޔެ އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 462،474 ޓޫރިސްޓުން ޒިޔާރަތްކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 70 ޕަސެންޓް ދަށް އަދަދެކެވެ.

ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ ރާއްޖޭގެ ޓޫރިޒަމް އަލުން އިޔާދަވަމުން އަންނަ ކަމަށެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ ރެކޯޑް ބައެއް މާކެޓްތައް މިހާރު މުގުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ފާހަގަކުރެއްވި ގޮތުގައި މިސްރުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 40 ޕަސެންޓަށް ވުރެ އިތުރުވެފަ އެވެ. ކަޒަކްސްތާން އިން ވަނީ 24 ޕަސެންޓް، ރަޝިއާއިން 5 ޕަސެންޓް، ބްރެޒިލް 2.9 ޕަސެންޓް، ޔުކްރެއިން 0.9 ޕަސެންޓް ޓޫރިސްޓުން އިތުރުވެފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޑރ. މައުސޫމް ވިދާޅުވީ، ޖުލައި 15ގައި ބޯޑަރު ހުޅުވުމަށްފަހު ސަރުކާރުން މިހާރު އަމާޒު ހިފާފައި ވަނީ މިމަހުގެ 16ގެ ކުރިން 100،000 ޓޫރިސްޓުން ރާއްޖެ ގެނައުމަށެވެ. އަދި މިއަހަރުގެ އަމާޒަކީ ޑިސެމްބަރު 25ގެ ކުރިން 500،000 ޓޫރިސްޓުން ގެނައުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބޯޑަރު އަލުން ހުޅުވިފަހުން މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައި ވަނީ 79،627 ޓޫރިސްޓުންނެވެ.