ވޮޝިންޓަން (17 އޮގަސްްޓް) - 2015 ވަނަ އަހަރުގެ ނިއުކްލިއާ އެއްބަސްވުން އަލުން އިޔާދަކުރަން ބޭނުން ނަމަ އީރާނުން މިހާރު ކުރަމުންދާ އެއްވެސް އަސާސެއް ނެތް ޑިމާންޑްތައްކުރުން ހުއްޓާލަން ޖެހޭ ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާގެ ޑިޕާޓްމަންޓް އޮފް ސްޓޭޓްއިން އިތުރަށް ބުނެފައިވަނީ ނިއުކްލިއާ އެއްބަސްވުން އިޔާދަ ކުރުމާ ބެހޭ ގޮތުން ކުރެވެން ހުރި ހުރިހާ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށާއި ދެން އިތުރަށް އެ މަޝްވަރާތަކުގައި ލިބޭނެ ކުރިއެރުމެއް އޮތް ކަމަށް އެމެރިކާއިން ގަބޫލު ނުކުރާ ކަމަށެވެ.

"އެއްބަސްވުމުގައި ކުރިއެރުން ލިބޭން އޮތް ހަމައެކަނި ގޮތަކީ އީރާނުން ކުރަމުން އަންނަ އަސާސެއް ނެތް ޑިމާންޑްތައް ހުއްޓާލުން،" ސްޓޭޓް ޑިޕާޓްމަންޓްގެ ތަރުޖަމާނު ނެޑް ޕްރައިސް ވިދާޅުވި އެވެ.

ނިއުކްލިއާ އެއްބަސްވުން އިޔާދަ ކުރުމާ ގުޅޭގޮތުން ބައިވެރިންގެ އެންމެ ފަހުގެ ނިންމުން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ޔޫރަޕިއަން ޔޫނިއަންއަށް އަންގަން އެ ޖަމާއަތުން އަންގާފައިވާއިރު އީރާނުން ވަނީ އެކަމަށް ބޯލަނބާނެ ކަމަށް އެގައުމުން ބުނެފައިވެ އެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމަށް އަރާ ވަޑައިގަތުމަށްފަހު އީރާން ނިއުކލިއާ އެއްބަސްވުން އަލުން އިޔާދަ ކުރަން ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އީރާނުގެ ނިއުކްލިއާ ހަރަކާތްތައް މަޑުޖައްސާލުމުގެ ބަދަލުގައި އެމެރިކާއާއި ހުޅަނގުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ކުރަން އެއްބަސްވެ ހަދާފއިވާ އެ އެއްބަސްވުން އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އުވާލައްވައިފަ އެވެ.