ޓެކްސް ބޮޑުކުރުމުގެ ބިލާއެކު 30 ބިލެން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރަށް ހުށަހަޅަން ނިންމައިފި އެވެ.

ބަންޑާރަ ނައިބްގެ އޮފީހުން ބުނީ މިހާރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިދައުރަށް މަޖިލީހަށް ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓެއް މިއަދު މަޖިލީހަށް ފޮނުވާފައިވާ ކަމަށެވެ. އެހެން ނަމަވެސް ބިލުތަކުގެ ތަފްސީލެއް ބަންޑާރަ ނައިބްގެ އޮފީހުން ހާމަކޮށްފައިނުވެ އެވެ.

މަޖިލީހުގެ ފަހު ދައުރަށް ހުށަހަޅާ މުހިންމު ބިލްތަކުގެ ތެރޭގައި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖިނާއީ އިޖުރާއަތު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މޯލްޑިވްސް ހެލްތް ސާވިސްގެ ބިލާއި، ޙައްޖާއި އުމުރާގެ ބިލާއި، ފޮރިން އިނެވެސްޓްމަންޓްގެ ބިލާއި، އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުގެ ބިލެއްވެސް ހިމެނެ އެވެ.

މަޖިލީހުގެ މިއަހަރުގެ ފަހު ދައުރަށް 30 ބިލެއް ސަރުކާރުގެ ފަރާތުން ހުށަހަޅާއިރު އެންމެ ފާހަގަ ކޮށްލެވޭ އެއް ބިލަކީ ޓެކްސް ބޮޑުކުރުމުގެ ބިލެވެ.

ފިނޭސް މިނިސްޓްރީން ވަނީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ނިންމާ އެކަން އިއުލާނުކޮށްފަ އެވެ. އަދި މަޖިލިސް ފެށުމާއެކު އެބިލު މަޖިލީހަށް ހުށަހަޅާނެ ކަމަށް ފިނޭސް މިނިސްޓްރީން މީގެ ކުރިން ވަނީ ބުނެފަ އެވެ.

ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑު ކުރުމަށެވެ. އަދި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގައިވެސް މަޖިލީހުން ވަނީ މުހިންމު ބިލްތަކެއްގެ މަސައްކަތް ކޮށްފަ އެވެ.

މިއަހަރުގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.