ހުޅުމާލޭ ދެވަނަ ފިޔަވަހީގައިވާ ހިޔާ ފްލެޓް ތަކުގެ ތެރެއިން ފްލެޓެއްގެ ތެރޭގައި އެއްޖިންސުން ގުޅުން ހިންގި މައްސަލައިގައި ހައްޔަރުކުރި ދެ މީހުންގެ ބަންދު ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.

ހިޔާ ފްލެޓެއްގައި އެއް ޖިންސުން ގުޅުން ހިންގި ވީޑިއޯއެއް ސޯޝަލްމީޑިއާގައި އާންމުވީ އިއްޔެ އެވެ.

ހިޔާ ސަރަހައްދުގައި ދިރިއުޅޭ މީހަކު އެ ވީޑިއޯ ނަގައި ސޯޝަލްމީޑިއާގައި ލައިވްކޮށްފައިވާއިރު، އެ ވީޑިއޯގައި ދެ ފިރިހެނަކު ގައިގޯޅިވެ، އެއް ޖިންސުން ގުޅުން ހިންގާ މަންޒަރު ފެނެ އެވެ.

އެކަން ހިނގާފައި ވަނީ އެޗް 7 ގެ 10 ވަނަ ފަންގިފިލާގައި އުޅޭ އެޕާޓްމެންޓެއް ތެރޭގަ އެވެ.

މި މައްސަލައިގައި ދެ ފިރިހެނަކު ހައްޔަރުކޮށްފައިވާއިރު، އެ ދެ މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އަށް ދުވަސް ޖަހައިފަ އެވެ.

މިކަމާ ގުޅިގެން ފުލުހުން ބުނީ، ހިޔާ ޓަވަރެއްގައި ފިރިހެނުންތަކެއް ގައިގޯޅިވެ، އެއްޖިންސުން ގުޅުން ހިންގިކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން އެ ސަރަހައްދަށް ފުލުހުން ދިޔަ ކަމަށެވެ. އަދި މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ދެ ބިދޭސީ ފިރިހެނެއް ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ނަމަވެސް އެ ދެމީހުންނަކީ ކޮން ގައުމަކަށް ނިސްބަތްވާ ދެ މީހުންނެއް ކަމެއް ނޭނގެ އެވެ.

ފުލުހުން އިތުރަށް ބުނިގޮތުގައި އެ ދެމީހުންގެ ބަންދަށް ކޯޓުން ވަނީ އަށް ދުވަސް ޖަހާފަ އެވެ. އަދި މި މައްސަލައިގައި ބަލަން ޖެހޭ ކަންކަން ބަލައި ތަހުގީގު ކުރަމުން ގެންދާނެ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.