ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ސިޔާސީ ގޮތުން މިހާރު މިވަނީ ވަރަށް ބޮޑަށް އެކަނިވެރިވެފަ އެވެ. އެ އެކަނިވެރިފައިވާ މިންވަރުގެ ވާހަކަ އެންމެ ފަހުން މިވަނީ އެމަނިކުފާނުގެ އަމިއްލަ ދޫފުޅުން ވެސް ވިދާޅުވެފަ އެވެ.

ރައީސް ނަޝީދަކީ އެއް އިރެއްގައި އެންމެ ނުފޫޒުގަދަ އެއް ސިޔާސީ ލީޑަރު ނަމަވެސް ފަހަކަށް އައިސް ފެންނަނީ އަމިއްލަ ޕާޓީގެ ތެރޭގައި އާރެއް ބާރެއް ނެތް ނިކަމެތި ބޭފުޅެއްގެ ގޮތުގަ އެވެ. ބަސް ނުވިކޭ އޮޑިއެއްގެ ދިރުނބާކޮޅަށް އަރާ ހުންނެވި މަންޒަރެވެ.

ސުޕަ މެޖޯރިޓީއަކާއެކު ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނަވައި ގަދަ ބަސް ވިދާޅުވެ، ހިޔާލު ތަފާތުވާ ކޮންމެ ސިޔާސީ ބޭފުޅަކާ ދިމާކޮށް، އެ ބޭފުޅެއްގެ އަބުރާއި އިއްޒަތް ވެއްޔާ މޮޑެ ހެއްދެވި އެވެ. އަދި އަމިއްލަ ޕާޓީގެ ސަރުކާރުގައި ތިއްބެވި އެކިއެކި ވަޒީރުންގެ ބޮލުގައި ދޮގު ތުހުމަތުތަކާއި ތަފާތު އިލްޒާމްތައް އަޅުވައި، ސިޔާސީ ގޮތުން ކަތިލެއްވުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ރައީސް ނަޝީދުގެ ހިއްސާ ވެސް އޮންނަ ސަރުކާރަށް ވަރަށް ބޮޑު ގޮންޖެހުމަކަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު މަޖިލީހުގެ ޖަލްސާގެ ރިޔާސަތުގައި. ފޮޓޯ: މަޖްލިސް

އޭގެ ފަހުން އެމަނިކުފާނުގެ އެންމެ ގާތް އެކުވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ހިޔާލު ތަފާތުވެ، އެމަނިކުފާނަށާއި ސަރުކާރުގެ ބައެއް ވަޒީރުގެ ބޮލުގައި އެކިކަހަކަ ހުތުރު ބަދުނާމު އެޅުވުމަށް ފަހަކަށް އައިސް ރައީސް ނަޝީދު ވަރަށް ބޮޑަށް މަސައްކަތްކުރައްވާފައިވެ އެވެ. ނަމަވެސް އެއިން އެއްވެސް ވާހަކައެއްގެ ހެއްކެއް ނުދެއްކެވުމުން ސަރުކާރާއި އަމިއްލަ ޕާޓީގެ މެމްބަރުންގެ މެދުގައި ވެސް ރައީސް ނަޝީދުގެ އިތުބާރު ވަނީ ގެއްލިފަ އެވެ. އެއާއެކު ރައީސް ނަޝީދު ބާއްވާ ޖަލްސާތަކުން ވެސް ގިނައިން ފެންނަނީ ހުސް ގޮނޑިތަކެވެ.

އެއް ތަށިން، އެއް ސުފުރާމަތިން ކެއި މީހުން މިއަދު ކައިރީ ނެތް

ރާއްޖޭގެ ވެރިކަމުގެ ނިޒާމާ ބެހޭގޮތުން ރޭ އެމްޑީޕީ ހަރުގޭގައި ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެއް ތަށިން، އެއް ސުފުރާމަތިން ކެއި މީހުން މިއަދު ކައިރީ ނެތް ކަމަށާއި އެދުމަކީ ހިތް ކިލަނބު ނުކޮށް ބަރުލަމާނީ މަޝްވަރާތަކުގައި ބައިވެރިވުން ކަމަށެވެ. މި ވާހަކަފުޅުން މިއޮތީ މިހާރު އެމަނިކުފާނު ސިޔާސީ ގޮތުން އެކަނިވެފައިވާ މިންވަރު ފެންނާށެވެ.

މަދު މީހުންކޮޅަކާއެކު ހަރުގޭގައި ބޭއްވި އެ މަޝްވަރާ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ މިއަދު އެ ޕޯޑިއަމްގައި ހުރެ ބަލައިލުމުން ފެންނަނީ ކުރަން ޖެހިފައިވާ މަސައްކަތް ވަރަށް އުނދަގޫ އަދި އިއްޔެއާއި ވަރަށް ތަފާތުކޮށް ކަމަށެވެ. އަދި މިއަދު އެންމެންގެ މަސްލަހަތަށް ބަލައިގެން ކަންކަން ހައްލުކޮށް ސަރުކާރު ޒިންމާދާރުކުރުވުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަމުގައި ކޮންމެ މެންދުރުގެ ވަގުތެއްގެ ސުފުރާގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ކަމަށެވެ. އެ ސުފުރާމަތީގައި ތިބި މީހުންގެ ތެރޭގައި މިއަދުގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނާއި، މިހާރުގެ ރައީސުލްޖުމްހުރިއްޔާ، ޕާޓީގެ މިހާރުގެ އިސް ލީޑަރު ރައީސް ސޯލިހު ވެސް ހިމެނިވަޑަައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ރައިސް ނަޝީދުގެ ބައްދަލުކުރެއްވުން

"އަޅުގަނޑުގެ ރައީސް ކަމުގައި ކޮންމެ ދުވަހަކު މެންދުރު ސުފުރާގައި އަޅުގަނޑާ އެކުގައި ތިބެނީ އަޅުގަނޑުގެ ޕާޓީގެ މަޖިލީހުގެ މެންބަރުން. އަޅުގަނޑުމެން އިންތިހާބުވީ އެއް ޕާޓީއަކުން. މިއަދުގެ ރައީސްއަކީ އެމްޑީޕީ، އަޅުގަނޑުގެ ވެސް ޕާޓީގެ އެންމެ އިސް ލީޑަރު،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އަޅުގަނޑުގެ ރައީސް ކަމުގައި ކޮންމެ ދުވަހަކު މެންދުރު ސުފުރާގައި އަޅުގަނޑާ އެކުގައި ތިބެނީ އަޅުގަނޑުގެ ޕާޓީގެ މަޖިލީހުގެ މެންބަރުން. އަޅުގަނޑުމެން އިންތިހާބުވީ އެއް ޕާޓީއަކުން. މިއަދުގެ ރައީސް އަކީ އެމްޑީޕީ، އަޅުގަނޑުގެވެސް ޕާޓީގެ އެންމެ އިސް ލީޑަރު،
ރައީސް ނަޝީދު

ރައީސް ނަޝީދު ވިދާޅުވީ އެހެންކަމުން ގާތްކަމުން އެ މެންބަރުން ޖަވާބުދާރީ ކުރުވުމަށް ދަތި ކަމަށެވެ. އަދި އެކަން ކުރާނެ ކަމަށް ކިތަންމެ ވަރަކަށް ވިދާޅުވި ނަމަވެސް އެއް ޕާޓީއަކަށް ނިސްބަތްވާ އެއް ސުފުރާމަތިން ކައި ހަދާ އެފަދަ ބަޔަކު ޖަވާބުދާރީ ކުރުވަން ދަތިވާނެ ކަމަށެވެ.

"އަޅުގަނޑު ކިހިނެތްތޯ އަޅުގަނޑުމެންގެ އަމިއްލަ މީހުން ޖަވާބުދާރީ ކުރުވަން ހަދާނީ؟ ބުނެވިދާނެ އެހެން. އަޅުގަނޑު ކުރާނަމޭ. ތެދަށް މިދަންނަވަނީ، އިއްޒަތްތެރި މަޖިލީހުގެ މެމްބަރުންނަކަށް ވަޒީރުންގެ މަޖިލީހުގެ މެމްބަރުންނެއް ޖަވާބުދާރީއެއް ނުކުރެވޭނެ. މިދަންނަވާހެން ވަޒީރުންގެ މަޖިލީހުގައި އެތިއްބަވަނީ އެކުގައި އެއް ސުފުރާމަތިން ކައި އުޅޭ އަދި އެހާމެ ގާތްބޭފުޅުންތަކެއް،" ނަޝީދު ވިދާޅުވި އެވެ.

(ކ.ވ) ރައީސް ނަޝީދު އަދި ރައީސް ސޯލިހު. ނަޝީދު ބޭނުންފުޅު ވަނީ ވެރިކަމުގެ ނިޒާމް ބަދަލުކުރަން.

ނަޝީދު އެ މޭރުމުން ވާކަހަދެއްކެވީ ބަރުލަމާނީ ގަރާރުގައި ބުނާ އުސޫލުތަކުން އެކަން ހައްލުކުރެވި ވަޒީރުން ޖަވާބުދާރީ ކުރެވޭނެކަން ވިދާޅުވެ ދެއްވުމަށެވެ. އެގޮތުން އެމަނިކުފާނު ވަނީ މިވަގުތު އެކީގައި ވާހަކަ ނުދެކެވިއްޖެ ނަމަ ފަހުން ދިމާވާނެ މައްސަލަ މާ ބޮޑުވާނެކަން ފާހަގަކޮށް، ބާރު އެއް ފަރާތެއްގައި އޮތުމަކީ ބުއްދިވެރި ރަނގަޅު ގޮތެއް ވެސް ނޫން ކަމަށް ވިދާޅުވެފަ އެވެ.

އެކަކު އަނެކަކުގެ ހިތް ކިލަނބުނުކޮށް ބަރުލަމާނީ ނިޒާމުގެ މަޝްވަރާތަކުގައި ބައިވެރިވުމަށް އެދިލެއްވި އެވެ. ބަރުލާމާނީ ނިޒާމު ގެންނަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމަށް އެ ޕާޓީގެ މިރޭ ފެށޭ ކޮންގްރެސްއަށް ނަޝީދު ހުށަހަޅުއްވާފައިވާއިރު، އެކަމަށް ރައީސް ސޯލިހުގެ ތާއީދެއް ނެތެވެ. އަދި އެމަނިކުފާނު ވަނީ ގަރާރު އަނބުރާ ގެންދެވުމަށް އެދިވަޑައިގެންފަ އެވެ. އެއާއެކު ނިޒާމީ ބަހުސްގައި ވެސް ރައީސް ނަޝީދުގެ ފެކްޝަނާއި ރައީސް ސޯލިހުގެ ފެކްޝަންގެ ހިޔާލު ވަނީ ތަފާތުވެފަ އެވެ.

ރައީސް ސޯލިހަށް ތާއީދުކުރާ ފަރާތްތަކުން ވެރިކަމުގެ ނިޒާމު ބަރުލަމާނީއަށް ބަދަލުކުރަން ތާއީދެއް ނުކުރެ އެވެ.

ރައީސް މައުމޫނެކޭ ރައީސް ނަޝީދެކޭ މިހާރު ތަފާތެއް ނެތް

ރައީސް ނަޝީދު 2008 ވަނަ އަހަރު ވެރިކަމަށް ވަޑައިގެން ރޭވި ހީލަތްތެރި ރޭވުންތަކެއްގެ ތެރެއިން، އޭރުގެ އެންމެ ވަރުގަދަ އިދިކޮޅު ޕާޓީ ޑީއާރުޕީ ފުނޑާލެއްވުމުން ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ވެސް ޖެހިވަޑައިގެންނެވީ ރައީސް ނަޝީދަށް މިހާރު ޖެހިފައިވާ ހާލެވެ.

އޭރު އެ ޕާޓީގެ ލީޑަރު ކަމަށް އިސްވެ ވަޑައިގެންނެވި އަހުމަދު ތަސްމީން އަލީ، ރައީސް މައުމޫން ޕާޓީގެ ތެރެއިން ބާކީކޮށްލެވުމުން، 30 އަހަރު ވެރިކަން ކުރެއްވި މައުމޫން ވެސް ސިޔާސީ ގޮތުން ވަރަށް ބޮޑަށް އެކަނިވެރިވި އެވެ. އަދި އޭގެ ފަހުން އުފެއްދެވި ޕާޓީ، ޕީޕީއެމް ވެސް ވެރިކަމަށް ގެންނެވި ނަމަވެސް އަމިއްލަ އެދުން ބޮޑުވުމުގެ ނަތީޖާއަކަށްވީ އެ ޕާޓީ ތެރެއިން ވެސް ނެރެ އެއްލާލެއްވުމެވެ.

ރައީސް މުހައްމަދު ނަޝީދު އާއި ރައީސް މައުމޫން އަބުދުލްގައްޔޫމް

އޭރު އެ ވެއްޓުނު ވަޅުގަނޑުން އަރައި ނުގަނެވި ރައީސް މައުމޫން މިހާރު ވެސް ފެންނަނީ ސިޔާސީ ގޮތުން އެއްވެސް އާރެއް ބާރެއް ނެތް ނިކަމެތި ބޭފުޅެއްގެ ގޮތުގަ އެވެ.

ވެރިކަން ބޭނުންފުޅުވުމުގެ އެދުން އިންތިހާއަށް ބޮޑުވުމުން ރައީސް ނަޝީދަށް ވެސް މިއަދު ޖެހިފައި ވަނީ ރައީސް މައުމޫނަށް ވެސް ދިމާވެފައިވާ ހާލަތެވެ. ރައީސް ނަޝީދު އިސްކޮށް ހުންނެވި އަމިއްލަ ޕާޓީ ވެރިކަމުގައި އޮތްއިރު ފެންނަނީ އެއްވެސް ނުފޫޒެއް ނެތް ނިކަމެއްޗެއްގެ ގޮތުގަ އެވެ. އޭރު އަރިހުގައި މަޖާކޮށް، ހީ، ސަމާސާ ކުރެއްވި ސިޔާސީ އެކުވެރިން މިއަދު ތިއްބެވީ މޫނު އަނެއް ފަރާތެއް އަނބުރާ ލައްވައިގެންނެވެ. ހަގީގަތުގައި ރައީސް ނަޝީދު މިއަދު ފެންނަނީ ވަރަށް ބޮޑު "އެކަނިވެރިއެއްގެ ގޮތުގަ" އެވެ.