މޮގަދިޝު (20 އޮގަސްޓް) - ސޯމާލިއާގެ ވެރިރަށް މޮގަދިޝޫގައި ހުންނަ ހޮޓަލް ހަޔާތަށް ބަޔަކު ވަދެގަނެ ހިންގި ހަމަނުޖެހުންތަކުގައި މިހާތަނަށް 12 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ބުނެވޭ ގޮތުގައި ހޮޓެލް ހަޔާތުއަށް ވަދެ ހަމަނުޖެހުންތައް ހިންގާފައިވަނީ އެގައުމުގެ އަލް ޝަބާބު ނަމަކަށް ކިޔާ ހައްދުފަހަނައަޅާފައިވާ ޖަމާއަތެއްގެ ހަނގުރާމަވެރިންނެވެ.

އިއްޔެ ރޭގެ ވަގުތެއްގައި ހަތިޔާރާއެކު އެ ހޮޓަލަށް ވަދެ ހަނގުރާމަވެރިން ވަނީ އެތަނުގެ ކޮންޓްރޯލް ނަގާފަ އެވެ. ހާލަތު ރަނގަޅު ކުރަން އެގައުމުގެ ސަލާމަތީ ބާރުތަކުން އަދިވެސް ދަނީ މަސައްކަތް ކުރަމުންނެވެ.

"މިހާތަނަށް އާއްމުންގެ 12 މީހަކު މަރުވެފައިވޭ. އޮޕަރޭޝަން ނިމެން ކައިރިވެފައިވާ ނަމަވެސް އަދި ދަނީ ކުރިއަށް" ހޮޓަލުގައި ހަރަކާތްތެރިވާ އިންޓަލިޖެންސް އޮފިސަރަކު ރޮއިޓާސްއަށް މައުލޫމާތު ދެއްވި އެވެ.

ސަލާމަތީ ބާރުތަކާއި ހަނގުރާމަވެރިންނާ ދެމެދު ހިނގަމުންދާ ހަމަލާ ބަދަލު ކުރުންތަކުގައި ހޮޓަލުގެ ބޮޑު ބައެއް ވީރާނާ ވެފައިވާއިރު ގިނަ ބަޔަކު ޒަހަމްވެފައިވެސްވެ އެވެ.

އަލްގައިދާއާ ގުޅުންހުރި އަލް ޝަބާބް ޖަމާއަތުން މި ހަމަލާތުގެ ޒިންމާ ނަގާފައިވާއިރު އެ ޖަމާއަތުގެ ބޭނުމެއް އަދި ސާފުވެފައެއް ނުވެ އެވެ.

ހޮޓެލް ހަޔާތުއަކީ ސަރުކާރު ކަންކަމުގައި ވަރަށް ގިނައިން ބޭނުން ކުރެވޭ ހޮޓަލެއް ނަމަވެސް ހަމަލާ ދިން ވަގުތު ސަރުކާރުގެ އެއްވެސް ހަރަކާތެއް އެތަނުގައި ހިނގަމުން ދިޔަ ކަމެއް އެނގިފައެއް ނުވެ އެވެ. -- އަލް އަރަބިއްޔާ