ކ. މާފުށީ ކުނި ކޮށްޓަށް ޖަމާކުރެވި އެތައް ދުވަހެއްވީ ކުނިފުނި ފުރަތަމަ ފަހަރަށް އެއްކޮށް ހުސްކޮށްފި އެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ބުނީ މާފުށި ކުނި ކޮށިން ނެގި ކުނިތައް ނައްތާލުމަށް ގެންދާނީ ތިލަފުށި ވޭސްޓް ފެސިލިޓީއަށް ކަމަށެވެ. ގާތްގަނޑަކަށް 900 އަށްވުރެ ގިނަ ޓަނުގެ ކުނި ހިމެނޭ މިކުނިފުނި ހުސްކޮށްފައިވަނީ އެންވަޔަރަމަންޓް މިނިސްޓްރީން ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ވެމްކޯއާ ހަވާލުކޮށްގެން ކަމަށްވެސް އެމިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ލޯކަލް ޓޫރިޒަމް ކުރިއަރާފައިވާ ކ. މާފުށީ ކުނި ކޮށި ހުސްކުރުމަށް 3.5 މިލިޔަން ރުފިޔާ ހަރަދުވި ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން ބުންޏެވެ.
މާފުށްޓަކީ މާލެއަތޮޅުގެ ސިނާއީ މުހިންމު ރަށަކަށްވެފައި އެރަށަކީ ގެސްޓުހައުސްތައް ގިނަ ރަށެކަށް ވުމުން ކުނިތައް ނަގާ އެތަން ހުސްކުރުމަކީ މުހިއްމުކަމެއްކަމަށް މިނިސްޓްރީން ދެކެ އެވެ. އަދި މިއީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ހައްލުނުކުރެވި އޮތް ބޮޑު މައްސަލައެއްކަން ވެސް މިނިސްޓްރީން ފާހަގަކުރައްވާ އެވެ.
މިނިސްޓްރީން އިތުރަށް ބުނީ މާލެއަތޮޅާއި ވ. އަތޮޅުގެ ބައެއް ރަށްތަކުގައި މިގޮތަށް ހުރި ކުނިފުނިތައް ހުސްކުރުމަށް ހަމަޖެހިފައިވާކަމަށެވެ.
މިދިޔަ ޖޫން މަހު ސްޓެލްކޯ އިން ވަނީ މާފުށީގެ ކުނި މެނޭޖު ކުރުމުގެ މަސައްކަތާ ހަވާލުވެފަ އެވެ. އެ އެއްބަސްވުމުގެ ދަށުން މާފުށީގެ ކުނި މެނޭޖު ކުރުމަށް ސްޓެލްކޯ އިން އެ ރަށުގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އަޅާނެ އެވެ. އެ ސެންޓަރާ ހަމައަށް ކުނި ގެންދިއުމާއި އެކި ކެޓަގަރީތަކަށް ކުނި ވަކި ކުރުމުގެ މަސައްކަތް ވެސް ކުރާނީ ސްޓެލްކޯއިންނެވެ.