ގދ. އަތޮޅުގެ ބައެއް ރަށްރަށުން ވަގަށް ނަގާފައިވާ ތަކެތި ފުލުހުން ހޯދައިފި އެވެ.

ފުލުހުން ބުނީ މިހޯދި ތަކެތީގެ ތެރޭގައި މިއަހަރުގެ މާޗް މަހުން ފެށިގެން މިމަހުގެ މިހާތަނަށް ގދ. އަތޮޅުގެ ބައެއް ރަށްރަށުން ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކާއި ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކުގައި ހޯދި ތަކެތި ކަމަށެވެ.

އެގޮތުން ތިނަދޫއިން ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކާ ގުޅިގެން އޮޕަރޭޝަންތަކެއް ހިންގައި، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ތަކެތި ހޯދާފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އޭގެ ތެރޭގައި މޯބައިލް ފޯނުތަކަކާއި، ބަދިގޭގައި ހިފައި ގެންގުޅޭ ގިނަ އަދަދެއްގެ ސަމާނާއި، ކަރަންޓު ބުރުމާއަކާއި، ހަ ސެންޓުފުޅިއާއި، ސީލިންގް ލައިޓަކާ އަދި އެހެނިހެން ތަކެތި ހިމެނެ އެވެ.

ފުލުހުން ބުނީ އެ އަތޮޅު ގައްދޫން ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކާ ގުޅިގެން އެ ރަށުގައި ވެސް ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ހިންގާފައިވާ ކަމަށެވެ. އެގޮތުން، ވަގަށް ނަގާފައިވާކަމަށް ބެލެވޭ ހަތް ޓެބްލެޓާއި، ޓީވީއާއި، ލެޕްޓޮޕަކާއި، މޯބައިލް ފޯނާއި ދެ ބައިސްކަލުގެ އިތުރުން އެހެނިހެން ތަކެތި ފުލުހުން ހޯދާފައިވެ އެވެ.

ގދ.އަތޮޅުގެ ބައެއް ރަށްތަކުން ވަގަން ނަގާފައިވާ ތަކެތި ތެރެއިން ފުލުހުން ހޯދާފައިވާ ތަކެތި.. ފޮޓޯ: ފުލުހުން

އަދި މި މަހު 15 ވަނަ ދުވަހު މަޑަވެލިން ހުށަހަޅާފައިވާ ވައްކަމުގެ މައްސަލައާ ގުޅިގެން ހިންގި އޮޕަރޭޝަންގައި، ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ އައިސް ބޮކްސްއަކާއި ދެ ފްލަޑް ލައިޓް ހޯދާފައިވެ އެވެ.

ގދ.އަތޮޅުގެ ބައެއް ރަށްތަކުން ވަގަން ނަގާފައިވާ ތަކެތި ތެރެއިން ފުލުހުން ހޯދާފައިވާ ތަކެތި.. ފޮޓޯ: ފުލުހުން

އޭގެ އިތުރުން ފަރެސްމާތޮޑާއިން ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކާ ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި ގިނަ އަދަދެއްގެ އިލެކްޓްރޯނިކް ސާމާނު ހޯދާފައިވާ ކަމަށަ ފުލުހުން ބުންޏެވެ.

މި މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ