މިއަދު ފެނިގެންދަނީ އިންޓަނެޓާ ގުޅިފައިވާ ޕްލެޓްފޯމްގެ ތެރެއިން ކުށްކުރުން އިތުރުވަމުން އަންނަތަން ކަމާއި އިޖުތިމާއީ އެތައް މައްސަލައެއް ހައްލުކުރުމުގައި ފުލުހުންގެ ދައުރު އަދާކުރަންޖެހިފައިވާ ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި ހިންގި ފުރަތަމަ އިންހައުސް ޓްރެއިނިން "އިންސްޕެކްޓަ ކޯސް" ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ހިދުމަތަކީ ރައްޔިތުން އެދޭފަދަ ހިދުމަތަކަށް ހެދުމަށް މިޑްލްމެނޭޖްމަންޓުގައި ހިންގުމުގެ ނިޒާމުގެ އާރުކާޓީންގެ ގޮތުގައި، ޒަމާނަށް ލޯ ހުޅުވިފައިވާ އަދި ރައްޔިތުންގެ ވިންދު ދެނެގަނެވޭ ފުލުހުން ތިބުން ވަރަށް މުހިންމު ކަމަށެވެ. އަދި އިންސްޕެކްޓަރު ކޯހަށް އެހާ އަހަންމިއްޔަތުކަމެށް ދެވޭ ސަބަބަކީވެސް އެއީކަން ސީޕީ ފާހަގަކުރެއްވި އެވެ.

އައްޑޫގައި ހުންނަ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި އެ ރަސްމިއްޔާތުގައި، މި ކޯސް ފުރިހަމަކުރި އެންމެހައި ބައިވެރިން ދެން ހިދުމަތަށް ނުކުންނާނީ އިތުރު ހުނަރާއި ގާބިލިއްޔަތުކަން ލިބިގެންކަމާމެދު ޝައްކު ނުކުރާކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހަމަ އެހެންމެ މިއަދު ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުންކަމާ އަދި ފުލުހުންގެ މަސައްކަތް ހިންގާ މާހައުލަށް އަންނަ ތަފާތުތަކުގެ ސަބަބުން އެ ބަދަލުތަކާ އެއްހަމަކޮށް ބަދަލުތަކަށް އަށަގަނެ ހިދުމަތްދިނުން ތަރައްގީވާން އެބަޖެހޭ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

އޭގެ އިތުރުން ޓެކްނޮލޮޖިކަލް، އިޖުތިމާއީ އަދި ތިމާވެއްޓަށް އަންނަމުންދާ ހަލުވި ބަދަލުތަކުގެ ސަބަބުން ކުށުގެ މާހައުލު އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިއާ ތަފާތު ގޮންޖެހުންތައް މެދުވެރިވެފައިވާކަން ސީޕީ ފާހަގަކުރެއްވި އެވެ. އަދި މި ގޮންޖެހުންތަކުން އަރައިގަނެ، ފުލުހުން ގާއިމުވެތިބޭ މަގުސަދުތައް ހާސިލުކުރުމަށް ހިންގޭ މަސައްކަތުގައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަމާ އަދި ފުލުހުންގެ މަސައްކަތަށް ރައްޔިތުންގެ އެއްބާރުލުން ހޯދަން ވަރަށް ގިނަ މަސައްކަތްތަކެއް އަދިވެސް ފުލުހުން ކުރަންޖެހިފައިވާ ކަމަށް ހަމީދު ވިދާޅުވި އެވެ.

މީގެ އިތުރުން ސީޕީ ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަން ނެތް ފަރާތްތަކާ ޑީލްކުރަންޖެހޭ ޖެހުން އިތުރުވަމުން އަންނަ ކަމަށެވެ. އަދި ރޭންކުތަކާއި ރޯލްތަކުގައިތިބޭ ފުލުހުން މިކަމަށް އަހުލުވެރިވެ ހުނަރުލިބި އަދި ފުލުހުންގެ މަސައްކަތުގެ އޮނިގަނޑު ހަރުދަނާކުރުމަށް މިއަދު އަވަސްވާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެކަން އެގޮތަށް ނުހިނގާނަމަ ފުލުހުން މިހާރު މިކުރާގޮތަށް ކިތަންމެ މަސައްކަތެއްކުރި ނަމަވެސް ފުލުހުންގެ މަސައްކަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބުން އެއީ ދުރުކަމެއްކަމުގައި ސީޕީ ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ މިއަދު ފެނިގެން މިދަނީ އިޖުތިމާއީ ވަރަށްގިނަ ކަންކަމީ ފުލުހުން އެކަންކަން ހައްލުކުރުމަށް ވަރަށް ގިނަ މަސައްކަތްކުރަންޖެހޭ ކަންކަން ކަން ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ދެކި ގަބޫލުކުރަމުން އަންނަތަން ކަމަށެވެ. އަދި މިކަންކަމާ ދޭތެރޭ ވަރަށް ފުންކޮށް ވިސްނައި ފުލުހުންގެ މަސައްކަތްތައް ހިންގުމުގެ އޮނިގަނޑާއި ވައްޓަފާޅިތަކާ އަދި ވަކިން ހާއްސަކޮށް އެޓިޓިއުޑް ރަނގަޅުކޮށްގެން ކުރިއަށް ދިއުމަށް ކޯހުގެ ބައިވެރިންނަށް ސީޕީ އިލްތިމާސްކުރެއްވި އެވެ.

ހަމީދު ވިދާޅުވީ މިކަންކުރުމުގައި ފްރަންޓްލައިންގެ ޕޮލިސިން، ފްރަންޓްލައިން ރެސްޕޯންސްގެ މަސައްކަތް، ކްރައިމް އިންވެސްޓިގޭޝަން، އިންޓެލިޖެންސްގެ ދާއިރާގެ މަސައްކަތް، އަވައްޓެރި ފުލުހުންގެ މަސައްކަތާއި ވިކްޓިމުންނަށްދޭ ސަޕޯޓުގެ މަސައްކަތާއި ރޯޑް ޕޮލިސިން އަދި ސަޕޯޓް އެހެނިހެން ދާއިރާތަކުގެ މަސައްކަތް ގާތުން ބަލައި މެނޭޖްކޮށް ސުޕަވައިޒްކުރާ ފަރާތްތައް އެއް ވިސްނުމަކުން މިއަދު ކުރިއަށްދާން ޖެހިފައިވާ ކަމަށެވެ.

އަދިވެސް އޭގެ އިތުރުން، ފުލުހުންގެ ހިދުމަތުގެ ކޯރ މިޝަން ހާސިލުކުރުމަށް ޝައުގުވެރިކަމާއި ޖޯޝާއެކުގައި މަސައްކަތްތަކެއް ކުރެވެންޖެހޭ ކަމަށް ވިދާޅުވި އެވެ. އަދި އުންމީދަކީ މި މަގުން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފުލުހުންގެ ހިދުމަތުގައި ތިބި، މި ކޯހުގެ ދަސްވެނިންފަދަ ހިދުމަތްދާރު އަދި ތަޖުރިބާކާރު އޮފިސަރުން ކުރިއެރުން ހޯދައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް ވަރަށް ސާބިތުކަމާއެކީ މަސައްކަތްކުރަމުން ގެންދިއުން ކަމަށް ސީޕީ ވިދާޅުވި އެވެ.