ބޮލީވުޑްގެ އެންމެ މަޝްހޫރު އެއް ފަންނާނު ޕްރިޔަންކާ ޗޯޕްރާ ޖޯނަސް އަކީ 2003 ވަނަ އަހަރުން ފެށިގެން އޭނާގެ ރީތިކަމާއި ހުނަރުން ބެލުންތެރިންގެ ލޯބި ހޯދާފައިވާ ފަންނާނެކެވެ. އަދި އެކި ކަންކަމަށް ހިތްވަރުދިނުމުގެ ގޮތުން ވާހަކަދައްކާ ކަންކަމަށް ކުރިމަތިލުމަށް ބާރުއަޅައި ގޮވާލާ މީހުންގެ ތެރޭގައިވެސް ޕްރިޔަންކާ ފާހަގަކޮށްލެވެ އެވެ.
ހަމައެހެންމެ ޕްރިޔަންކާ މިއަދު ހުރި ހިސާބަށް ވާސިލްވުމަށް އޭނާ ކުރިމަތިލާންޖެހުނު ގޮންޖެހުންތަކުގެ ވާހަކަތަކަކީ އަބަދުވެސް އޭނާ ދައްކާ ވާހަކަތަކެކެވެ.
އެގޮތުން އަނުޕަމް ޚޭރް އާ އެކު ކުރިއަށް ދިޔަ ޝޯއެއްގައި ވާހަކަ ދައްކަމުން ޕްރިޔަންކާ އޭނާގެ ޒާތީ ހަޔާތާއި ގުޅޭ ބައެއް ވާހަކަތައް އާންމުންނާއި ހިއްސާކޮށްފައިވެ އެވެ. ޕްރިޔަންކާ ބުނިގޮތުގައި އޭނާގެ މުޅި އާއިލާއަކީވެސް ހަމުގެ ކުލަ އަލި ބައެކެވެ. އެހެންނަމަވެސް ޕްރިޔަންކާ އާއި އޭނާގެ ބައްޕަ އަކީ ހަމުގެ ކުލަ އަލި ނޫން ބަޔަކަށް ވުމުން، ގިނަ ބަޔަކު ޕްރިޔަންކާއަށް ފާޑުކިޔާފައިވާކަމަށް އޭނާ ބުނެފައިވެ އެވެ.
ޕްރިޔަންކާ ބުނިގޮތުގައި އޭނާއާ ކައިވެނި ކުރާނެ މީހަކު ނުވާނެ ކަމަށާއި، ހަޔާތުގައި ކުރިއެރުމަށް ގޮންޖެހުންތަކާއި ދިމާވާނެކަމަށް މީހުން ބުނެފައިވާކަމަށް އޭނާ ބުނެފައިވެ އެވެ. ނަމަވެސް އެއީ އެއްވެސް ހާލަތެއްގައި އޭނާގެ ކުރިއެރުމަށް އެޅޭ ހުރަހެއް ކަމުގައި ޕްރިޔަންކާ ދެކިފައި ނުވާކަމަށް އޭނާ ބުނެފައިވެ އެވެ.
ޕްރިޔަންކާ އިތުރަށް ބުނީ، މީހަކު އެއްޗެކޭ ނުބުނާނެ ގޮތަކަށް އުޅުމަކީ ވާނެ ކަމެއް ނޫނެވެ. ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިނަމަވެސް، އެކަމުން މީހުންގެ ފާޑުކިޔުންތައް އަމާޒުވާނެކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ޕްރިޔަންކާ ވަނީ 2000 ވަނަ އަހަރު އޮތް ފެމިނާ މިސް އިންޑިއާ މުބާރާތް ކާމިޔާބުކޮށްފަ އެވެ. އޭރު އުމުރުން 18 އަހަރުގެ ޕްރިޔަންކާ ވަނީ ހަމައެ އަހަރު ބޭއްވި މިސް ވޯލްޑްގެ ތާޖުވެސް ހާސިލްކޮށްފަ އެވެ. އެއާއެކު އޭނާއަށް ގައުމީ އަދި ބައިނަލްއަގްވާމީ އެކި މައިދާންތަކުގައި މަޝްހޫރުކަން ލިބިގެންދިޔަ އެވެ.