ޓްރިޕޯލީ (28 އޮގަސްޓް) - ލީބިޔާގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ދެ ޖަމާއަތެއްގެ މެދުގައި ކުރިއަށްދިޔަ ހަމަލާ ބަދަލު ކުރުންތަކެއްގައި 13 މީހަކު މަރުވެ 95 މީހަކަށް އެކި ވަރުގެ އަނިޔާ ލިބިފައިވާ ކަމަށް އެގައުމުގެ ހެލްތު މިނިސްޓްރީއިން ބުނެފި އެވެ.

އެ މިނިސްޓްރީއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހުކުރު ދުވަހުގެ ރޭ ހިނގި ހަމަނުޖެހުންތަކެއްގައި ވެރިރަށް ޓްރިޕޯލީގެ އެކި ސަރަހައްދުތަކުން ޒަހަމްވެފައިވާ މީހުން ގެނެސް ހޮސްޕިޓަލުތަކުގައި ފަރުވާ ދީފައިވާ ކަމަށެވެ.

ހުކުރު ދުވަހުގެ އިރު އޮއްސުނު ވަގުތު އެގައުމުގެ އިދިކޮޅު ސަރުކާރާއި މިހާރުއޮތް ސަރުކާރަށް ތާއީދުކުރާ ދެ ޖަމާއަތުގެ މެދުގައި ފެށުނު ހަމަލާތައް ހޮނިހިރު ދުވަހުގެ ހެނދުނާ ޖެހެންދެން ކުރިއަށް ދިޔަ ކަމަށެވެ.

އެގޮތުން ވެރިރަށް ޓްރިޕޯލީގެ އެކި ސަރަހައްދުތަކުން ބަޑީގެ އަޑުތަކާއި ބާރުގަދަ ގޮވުންތަކުގެ އަޑު މެދުނުކެނޑި އިވެމުން ދިޔަ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

މި ހަމަނުޖެހުންތަކަކީ ލީިބިޔާގައި މިވަގުތު އޮތް ސިޔާސީ ނުތަނަވަސްކަމާ ސީދާގޮތުން ގުޅުންހުރި ހަމަނުޖެހުންތަކެއް ކަމަށް ޔަގީންކޮށް ބުނަން ނޭނގޭ ކަމަށާއި ނަމަވެސް ތަހުގީގު ކުރިއަށްދާ ކަމަށް އެގައުމުގެ ސަލާމަތީ ބާރުތަކާ ހަވާލާދީ ނޫސްތަކުން ބުނެ އެވެ.

ލީބިޔާގެ އިދިކޮޅު ފަރާތްތަކާއި ސަރުކާރަށް ވެސް ތާއީދުކުރާ ހަނގުރާމަވެރި ޖަމާއަތްތައް ވާއިރު މި ޖަމާއަތްތަކުގެ މެދުގައި ހަމަނުޖެހުންތައް ހިނގުމަކީ އާއްމު ކަމެކެވެ.