ބާލިން (29 އޮގަސްޓް) - އީޔޫގެ ޑިފެންސް މިނިސްޓަރުންނާއި ފޮރިން މިނިސްޓަރުންގެ މެދުގައި ބާއްވަން ހަމަޖެހިފައިވާ ބައްދަލުވުމުގައި އީޔޫގެ ގައުމުތަކުން ރަޝިއާގެ ރައްޔިތުންނަށް ވިސާ ދިނުން ހުއްޓާލުމާމެދު މަޝްވަރާ ކުރާނެ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

ކްޒެޗް ރިޕްބްލިކްގެ ވެރިރަށް ޕްރާގްގައި މި ހަފްތާގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ މި ބައްދަލުވުމުގައި ވިސާގެ އިތުރުން ޔޫކްރެއިން އަސްކަރިއްޔާގެ ސިފައިންނަށް އިތުރު ތަމްރީނުތައް ދިނުމާމެދު މަޝްވަރާ ކުރެވޭނެ އެވެ.

ޔޫކްރެއިންގެ ސިފައިން މިހާރުވެސް އީޔޫގެ އެކި ގައުމުތަކުގައި ތަމްރީނުތައް ހޯދަމުން އަންނައިރު މައިގަނޑު ގޮތެއްގައި ތަމްރީނުތައް ދެވެނީ ހުޅަނގުން އެގައުމަށް ފޯރުކޮށްދޭ ހަތިޔާރުތައް ބޭނުން ކުރާނެ ގޮތުގެ ތަމްރީނު ތަކެވެ.

ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރަޝިއާއަށް ފިއްތުންތައް ކުރިމަތި ކުރުވާ އެންމެ ބޮޑު އެއް ޖަމާއަތަކީ އީޔޫއަށް ވާއިރު މިކަމާ ގުޅިގެން އެޖަމާއަތުގެ ހާރިޖީ ސިޔާސަތުތައް ވަރަށް ސާފެވެ.

އެގޮތުން ރަޝިއާއިން ޔޫކްރެއިންއަށް އަރައި ކުރަމުން އަންނަ ހަނގުރާމައަކީ އެއްވެސް އަސާސެއް ނެތް ހަނގުރާމައެއް ކަމަށް އެ ޖަމާއަތުން ބުނެފައިވާއިރު މިހާތަނަށް ވެސް އެ ޖަމާއަތުން ވަނީ ރަޝިއާއަށް ގިނަ ދަތިކުރުމުގެ ފިޔަވަޅު ތަކެއް އަަޅައިފަ އެވެ.

މިވަގުތު އީޔޫގެ ރިޔާސަތު ބަލަހައްޓަމުން އަންނަ ކްޒެޗް ރިޕަބްލިކްއިން އަންނަނީ އީޔޫގެ އެއްވެސް ގައުމަކަށް ރަޝިއާ ރައްޔިތުންނަށް ނުވެދެވޭ ގޮތަށް ވިސާ ދޫކުރުން ހުއްޓާލުމަށް މަސައްކަތް ކުރަމުންނެވެ.

ޔޫކްރެއިން ހަނގުރާމައަށް ހަމަސް ފުރިފައިވާއިރު އީޔޫގެ އިތުރުން ކޮމަންވެލްތާއި އދން ވެސް އަންނަނީ ރަޝިއާއަށް އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރުވަމުންނެވެ. -- އަލް އަރަބިއްޔާ