އިނގިރޭސިވިލާތާއި އެމެރިކާ ގުޅިގެން އަސްކަރީ މަރުކަޒެއް ހިންގަމުން އަންނަ ފޯޅަވަހި (ޗާގޯސް) ގެ ސިޔާދަތީ ބާރާ ގުޅޭ ގޮތުން ރަސްމީ ދައުވަތެއް އަރުވައިގެން މަޝްވަރާ ކުރުމަށް ރައީސް މުހައްމަދު މުއިއްޒު އެދިވަޑައިގަތުމުން، އެ މައްސަލައަކީ ރާއްޖެއާ އެއްވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށް އިނގިރޭސި ސަރުކާރުން އަނެއްކާ ވެސް ބުނެފި އެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު އެންޑްރޫ ބާންހަމްއަށް ރައީސް މުއިއްޒު ފޮނުއްވި ސިޓީފުޅުގައި، ޗާގޯސްގެ ޖަޒީރާތައް މޮރިޝަސްއާ ހަވާލުކުރަން ނިންމި ނިންމުމާ މެދު ރާއްޖޭގެ ކަންބޮޑުވުންތަކެއް ހުރިކަން ވަނީ ހާމަކުރައްވާފަ އެވެ. މިކަމާ ގުޅިގެން އިނގިރޭސި ފޮރިން އޮފީހުގެ އޮފިޝަލަކު ރޮއިޓާސްއަށް މައުލޫމާތު ދެމުން ވިދާޅުވީ، އެކި ދާއިރާތަކުން ރާއްޖެއާ އެކު މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. ނަމަވެސް ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައަކީ ހަމައެކަނި އިނގިރޭސިވިލާތާއި މޮރިޝަސްއާ ދެމެދު އޮތް ކަމެއް ކަމަށާއި، 2022 ވަނަ އަހަރު ރާއްޖެއާ މަޝްވަރާ ނުކޮށް މޮރިޝަސްއާ އެކު މަޝްވަރާތައް ފެށީ ވެސް އެ ސަބަބަށްޓަކައި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނުގައި އޮންނަ ޗާގޯސްގެ ސިޔާދަތީ ބާރު ލިބުން އެންމެ ހައްގުކަން ބޮޑީ ރާއްޖެއަށް ކަމަށް ވިދާޅުވެ، ރައީސް މުއިއްޒު ވަނީ ނޮވެމްބަރު 2024 އަދި ޖެނުއަރީ 2026 ގައި ވެސް އިނގިރޭސިވިލާތަށް ސިޓީފުޅުތަކެއް ފޮނުއްވާފަ އެވެ. ނަމަވެސް މެއި 2025 ގައި އިނގިރޭސިވިލާތުން ވަނީ އަހަރަކު 100 މިލިއަން ޑޮލަރުގެ ކުއްޔަކަށް އެ ތަން ހިފުމަށް ފަހު ޗާގޯސްގެ ބާރު މޮރިޝަސްއާ ހަވާލުކޮށްފަ އެވެ.

ޑިއޭގޯ ގާސިއާގައި އަސްކަރީ މަރުކަޒެއް ހިންގާ އެމެރިކާއިން ފުރަތަމަ މި އެއްބަސްވުމަށް ތާއީދު ކުރި ނަމަވެސް، ފަހުން އެ ގައުމުގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވަނީ މި އެއްބަސްވުމާ ދެކޮޅު ހައްދަވައި އިނގިރޭސިވިލާތަށް ޕްރެޝަރު ކުރައްވާފަ އެވެ. ރައީސް މުއިއްޒު އިނގިރޭސިވިލާތަށް ދެވަނަ ސިޓީފުޅު ފޮނުއްވީ ވެސް ޓްރަމްޕް މި އެއްބަސްވުމާ ދެކޮޅު ހެއްދެވި ފަހުންނެވެ.

މީގެ އިތުރުން ފެބްރުއަރީ 2025 ގައި ނިއުސްވީކް މެގަޒިންއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް މުއިއްޒު ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު ރާއްޖެއަށް ލިބިއްޖެ ނަމަ، އެމެރިކާއަށް ޑިއޭގޯ ގާސިއާގެ ބޭސް ހިންގުމުގެ ފުރުސަތު ދެއްވާނެ ކަމަށް ވިދާޅުވެ ޑީލެއް ހުށަހަޅުއްވާފަ އެވެ. އެހެން ނަމަވެސް، އެމެރިކާއިން މި ހުށަހެޅުމަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެ އެވެ.

2026 ގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ވަނީ ރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ އިން ވަކިކުރުމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުމަށް ގޮންޖައްސަވައި، ރާއްޖޭގެ އިގުތިސާދީ ސަރަހައްދުން ގެއްލުނު ކަމަށް ބުނާ ބައި ވެސް ރާއްޖޭގެ ބައެއްގެ ގޮތުގައި ބަލަހައްޓަވާނެ ކަމަށް އިއުލާނު ކުރައްވާފަ އެވެ.

މި މައްސަލަތަކާ ގުޅިގެން މޮރިޝަސް އިން ވަނީ ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ކަނޑާލާފަ އެވެ.