ޕާކިސްތާނުގެ އެކި ހިސާބުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި އެތައްބަޔަކު މަރުވެ އެތައް މިލިއަން ބަޔަކު ހާލުގައި ޖެހުމުގެ ސަބަބުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕާކިސްތާން ސަރުކާރަށާއި، ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވައިފި އެވެ.

ރައީސް ސޯލިހުގެ މެސެޖުގައި ވިދާޅުވީ ޕާކިސްތާނަށް ކުރިމަތިވެފައިވާ މިހިތްދަތި ދަނޑިވަޅުގައި ދިވެހި ރައްޔިތުންގެ ހެޔޮ ދުޢާއާއި ހަމްދަރުދީވަނީ ޕާކިސްތާނުގެ ރައްޔިތުންނާއެކުކަމަށެވެ. އަދި ފެންބޮޑުވުމުގެ މިހާދިސާގައި އެތައް މިލިޔަން މީހުން ހާލުގައި ޖެހިފައިވާ ހަބަރު އެއްސެވީ ފުން ހިތާމައާއި އެކުގައިކަމަށެވެ.

ޖޫން މަހުން ފެށިގެން ޕާކިސްތާނުގެ އެކި ހިސާބުތަކަށް ކުރަމުންދާ މޫސުމީ ވިއްސާރައިގައި ކުރިމަތިވެ އެކި ހާދިސާތަކުގައި މަރުވި މީހުންގެ އަދަދު 1،000 އަށްވުރެ މައްޗަށް ވަނީ އަރައިފަ އެވެ. މޫސުމީ ވިއްސާރައިގައި ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ޕާކިސްތާނުގެ ގިނަ ހިސާބުތަކެއް ވަނީ ފެން ބޮޑުވެފަ އެވެ.

މޫސުމީ ވިއްސާރައިގެ އަސަރު 33 މިލިޔަން މީހުންނަށް ކޮށްފައިވާ ކަމަށް އެ ގައުމުގެ މޫސުމީ ބަދަލުތަކާ ބެހޭ ވަޒީރު ޝެރީ ރަހުމާން ވަނީ ވިދާޅުވެފަ އެވެ.