މެއި 6ގައި ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މަޖިލީހުން ހަދާފައިވާ އިންކުއަރީ ރިޕޯޓުގައި ހުރިކަންކަން އަދިވެސް ސަރުކާރުން ފުރިހަމަ ކޮށްފައިނުވާ ކަމަށް ރައްޔިޔުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހްމީ ވިދާޅުވެއްޖެ އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށަހެޅުއްވި ގައުމީ ސަލާމަތާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ކުރި ބަހުސްގައި ވާހަކަ ދައްކަވަމުން އިންތި ވިދާޅުވީ ގައުމީ ސަލާމަތާއި ބެހޭ ބާހަކަ ދައްކާއިރު އެންމެ ފުރަތަމަ ވެސް ސަމާލުކަމަށް އަންނަ އެއް ކަމަކީ ރައީސް ނަޝީދު އަވަހާރަކޮށްލުމަށް މިދިޔަ އަހަރު "ހައެއް ފަހެއްގައި" ދިން ހަމަލާގެ ހާދިސާ ކަމަށެވެ.

އިންތި ވިދާލުވީ އެންމެ ބޮޑަށް ހިތާމަ ކުރަނީ އެމްޑީޕީގެ ސަރުކާރެއްގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ހަމަލާދީ ޒަހަމްކޮށްލުމުން ކަމަށެވެ.

"ހިތާމަ ކުރަން އަޅުގަނޑުމެންގެ އަމިއްލަ ސަރުކާރެއް އޮއްވައި އެމަނިކުފާނަށް އެފަދަ ހަމަލާއެއް އައިތީވެ. މީކީ އެފަދަ ހަމަލާތައް ރާވަމުންދާކަން ނޭނގި ސިއްރުގައި އޮވެގެން އެހެން އައި ހަމަލާއެއް ނޫން. އެނގި އޮއްވައި އައި ހަމަލާއެއް. އަދިވެސް އެމަނިކުފާނަށް ސަލާމަތާ ރައްކާތެރިކަން ދިނުމަށްޓަަކައި މި މަޖިލީހުން ހިންގި އިންކުއަރީގައި ހުރި ކަންކަން ފުރިހަމަ ކޮށްފައެއް ނުވޭ. އެވެސް ހިތާމަ ކުރާ ކަމެއް." އިމްތިޔާޒް ވިދާޅުވި އެވެ.

މެއި 6 ވަނަ ދުވަހުގެ ހަމަލާގައި ރައީސް ނަޝީދަށް ބޮޑެތި ޒަހަމްތަކެއް ލިބި ވަރަށް ގިނަ ދުވަހު ރާއްޖެއިން ބޭރުން ވެސް ފަރުވާ ހޯއްދަވާފައިވެ އެވެ.