ކަސްރަތުން ހަށިގަނޑަށް ވެކި ކަހަލަ ފައިދާތައް ލިބޭކަމީ އެންމެންވެސް ދަންނަ ހަގީގަތެކެވެ. ނަމަވެސް ވަކި ކަހަލަ ކަސްރަތުތަކުން ހަށިގަނޑަށް ލިބޭ ފައިދާތަކާ ބެހޭ ގޮތުން ސައިންސްވެރިން އަދިވެސް ދަނީ ދިރާސާ ކުރަމުންނެވެ.

އެގޮތުގެ މަތިން ހެދި ދިރާސާއަކުން ސާބިތުވާ ގޮތުގައި ކަސްރަތުގެ ވައްތަރެއް ކަމަށްވާ "ސްޓްރެންތު ޓްރެއިނިން" ހެދުމަކީ އިންސާނާގެ ސިއްހަތު ދުޅަހެޔޮ ކޮށްދީ އުމުރު ވެސް ދިގު ކޮށްދޭ ކަމެކެވެ.

ސްޓްރެންތު ޓްރެއިނިންގްއަކީ ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމުގެ ބޭނުމުގައި ބަރު އުފުލައިގެން ހަދާ ކަސްރަތު ތަކެކެވެ. މި ކަސްރަތުތަކަކީ އިންޑޯ ޖިމްތަކުގައި އާއްމު ކަސްރަތު ތަކެކެވެ.

މި ދިރާސާއިން ދައްކާފައިވާ ގޮތުގައި ހަފްތާއަކު ތިންގަޑިއިރުގެ އެއިރޮބިކްސް ކަސްރަތާއެކު ދެ ސެޝަން ސްޓްރެންތު ޓްރެއިނިންގް ނަގާނަމަ އުމުރު ދިގު ކޮށްދެ އެވެ.

މި ދިރާސާއަކީ ހަށިގަނޑުގެ މަސްތައް ވަރުގަދަ ކުރުމުގެ މުހިއްމުކަމަށް ބާރުދީ ޝާއިއު ކޮށްފައިވާ އެންމެ ފަހުގެ ދިރާސާ އެވެ. މީގެ ކުރިން ވެސް ސްޓްރެންތު ޓްރެއިނިންގެ ފައިދާތައް ހޯދައި ދިރާސާތަކެއް ކޮށްފައިވެ އެވެ.

އެކި އުމުރުފުރާތަކުގެ މީހުންގެ މެދުގައި ހެދި މި ދިރާސާގެ ނަތީޖާތައް ދައްކާ ގޮތުން އެއިރޮބިކް ކަސްރަތާއެކު ސްޓްރެންތު ޓްރެއިނިން ހެދި މީހުންގެ އުމުރު ދިގުވެފައި ދިގު މުއްދަތުގެ ބަލިތައް ޖެހުން ދުރެވެ.

ދުޅެހެޔޮ ގޮތުގައި އުމުރު ފާއިތު ކުރުމަށް އުމުރުން ދުވަސްވާ ވަރަކަށް ސްޓްރެންތު ޓްރެއިނިންގެ މުހިއްމުކަން އިތުރުވާ ކަމަށް ދިރާސާގައި ފާހަގަ ކުރަމުން ސައިންސްވެރިން ބުނެފައިވަނީ މިއީ އާއްމު ދިރިއުޅުމުގެ ކަންކަމަށް ވެސް ބޭނުންތެރި ކަސްރަތެއް ކަމަށެވެ.