ބަންގްލަދޭޝްގެ އަލަމްގީރްއާއެކު އެއްޖިންސުން ގުޅުންހިންގިކަމުގެ ތުހުމަތު ކޮށްފައިވާ ކީރިތި ގުރުއާނާބެހޭ މަރުކަޒުގެ ކުރީގެ މުޝީރު އިބްރާހިމް ރާފިއު ހޯދަން ފުލުހުން މިއަދު އިއުލާންކޮށްފި އެވެ.

ފުލުހުން އާންމު ކުރި އިއުލާނުގައި ބުނީ ރާފިއު ހޯދަމުން ދަނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައިގެ ތަހުގީގަށް ކަމަށެވެ.

ރާފިއު ހޯދަން އިއުލާނު ކުރީ އޭނާ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީ ކަމަށާއި، އޭނާ އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުން އަމަލުކުރާނެ އިޖުރާއަތުގެ ގަވާއިދުގެ 27 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ކަމަށް ފުލުހުންގެ އިއުލާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން ރާފިއުއާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ވާނަމަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރަށް ގުޅައިގެން އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ. އަދި ރާފިއު އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހު ޝަހީދު ހުސައިން އާދަމް ބިލްޑިން އަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވެ އެވެ.

ރާފިއު އަލަމްގިރިއާ އެކު އެއްޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތު ކުރެވޭ ވީޑިއޯތައް އާންމުވުމާއި ގުޅިގެން އޭނާ ވަނީ ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ މުޝީރުގެ މަޤާމުން ވަކިކޮށްފަ އެވެ. އޭނާ އެވަގުތު ހުރީ އަވަށްޓެރި ޝްރީލަންކާގަ އެވެ.

ރާފިއު ލަންކާ އަށް ދިޔައީ ބަންގްލަދޭޝްގެ އަލަމްގީރާއެކީ ގުޅުން ހިންގި މީހުންގެ މައްސަލައިގެ ތަހުގީގުކުރަމުން އަންނަ އިރު، އޭނާ ވެސް އޭގެ ތެރޭގައި ހިމެނޭކަން ފުލުހުންގެ ތަހުގީގަށް އެނގުމާ ގުޅިގެންކަމަށްވެސް މައުލޫމާތު ލިބިފައިވެ އެވެ.

ހަމައެހެންމެ ގިނަ ބަޔަކާ އެއްކޮށް އެއްޖިންސުން ގުޅުން ހިންގައި ބްލެކްމެއިކް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިއަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާއަށްވެސް އަލަމްގީރު އިއުތިރާފު ވުމުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފަ އެވެ.