ޖަލުތަކުގައި ތިބޭ ޤައިދީން އެހެން ކުށްތަކަށް ދެވިހިފުމުގެ ފުރުޞަތު ނުދީ، އިސްލާހުކޮށް އަލުން އަނބުރާ މުޖުތަމަޢަށް ނެރުމަކީ، ސަރުކާރުގެ ވަރަށް މުހިންމު ސިޔާސަތެއް ކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 51 ވަނަ އަހަރީ ހަފްލާ ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުށްކުރާ މީހުން އިސްލާހުކޮށް އަނބުރާ މުޖްތަމައަށް ނެރުމަކީ ސަރުކާރުން ކުރަން ނިންމި މުހިންމު މަސައްކަތެއްކަން ފާހަގަކުރައްވައި ރައީސް ވަނީ ރާއްޖޭގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ޖަލުގައި ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމެއް ކާމިޔާބުކަމާއެކު ފުރިހަމަކޮށް، މިމަހުގެ 2 ވަނަ ދުވަހު 32 ގައިދީއަކު އެމީހުންގެ ޢާއިލާތަކާ ޙަވާލުކޮށްފައިވާކަން ފާހަގަކުރައްވާފަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް އިޞްލާޙީ ބަދަލުތަކެއް ގެންނަން ކުރާ މަސައްކަތަކީ މުޅި މުޖްތަމަޢު އިޞްލާޙްކުރުމުގެ މަތިވެރި މަޤްޞަދުގައި ކުރާ މަސައްކަތެއް ކަމުގައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މި މަސައްކަތްތަކުގެ ބޭނުމަކީ މުޖްތަމަޢުގެ ހަމަޖެހުން ގާއިމުކުރުމާއި ކޮންމެ ރައްޔިތަކަށް ވެސް އަމާންކަމާއެކު ދިރިއުޅުމުގެ ފުރުސަތު ހޯދައިދިނުންކަމުގައެވެ. މިކަންކަން ހާސިލުކުރުމަށްޓަކައި ޖަލުތަކަކީ ގައިދީންނަށް ކިޔަވައިދީ، އިސްލާމް ދީނުގެ ސައްހަ އަގީދާގެ މަތީގައި ތަރުބިއްޔަތުކުރާ ތަނަކަށް ހަދަންޖެހޭކަމަށާއި އަދި މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވުމަށް ދޭ ފަރުވާތަކާއި ނަފްސާނީ ފަރުވާ ދެވޭ ތަނަކަށް ވެސް ޖަލު ވާންޖެހޭކަން އެމަނިކުފާނު ވިދާޅުވި އެވެ. މީގެ އިތުރުން ޖަލަކީ ޤައިދީންގެ ކިބައިގައި ހުންނަ މަސައްކަތުގެ ހުނަރާއި ފަންނުވެރިކަން ތަރައްޤީކޮށް، މަސައްކަތުގެ އަހުލާގަށް ހާނުވައިދޭ މަރުކަޒަކަށް ވާންޖެހޭކަން ރައީސް ފާހަގަކުރެއްވި އެވެ.

ޖަލުތައް ބެލެހެއްޓުމުގެ ނިޒާމަށް ސަރުކާރުން ގެންނަވާ މުހިންމު ބަދަލުތަކަށް އަލިއަޅުވާލައްވަމުން، ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދާ އެއްގޮތަށް ހެދި ޖަލުތަކުގެ އޮޑިޓްގައި ފާހަގަކޮށްފައިވާ ހުށަހެޅުންތަކާ އެއްގޮތަށް ޖަލުތަކުގެ ކަންކަން އިޞްލާޙްކުރުމުގެ މަސައްކަތް ކުރިޔަށްދާކަމަށާއި ޖަލުތަކުގައި ތޮއްޖެހުގެ މައްސަލައަށް އަވަސް ޙައްލެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަކަމަށާއި އ.ދ.ގެ "މަންޑޭލާ ރޫލްސް"ގެ މިންގަނޑަށް ޖަލުތަކުގެ ކަންތައް އިންތިޒާމު ކުރުމުގެ މަސައްކަތް ފަށައި އެ ހަމަތަކަށް ޖަލު އޮފިސަރުން އަހުލުވެރިކުރުމުގެ ތަމްރީންތައް ހިންގަމުން އަންނަކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. މީގެ އިތުރުން ޕެރޯލްގެ ދަށުން މުޖްތަމަޢަށް ދޫކުރާ ގައިދީންނަށް "ފަހި ފުރުޞަތު"ގެ ނަމުގައި އިންޓަރންޝިޕް ޕްރޮގްރާމެއް 2020 ވަނަ އަހަރު ސަރުކާރުން ފަށާފައިވާކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި، މަސްތުވާތަކެތި ބޭނުންކުރާ އަދި އޭގެ ވިޔަފާރިކުރާ ޤައިދީންގެ ނުފޫޒާއި ދީނީ ހަރުކަށި ފިކުރުގައި ޤައިދީން ޖައްސައިގެން ތަފާތު ކުށްތަކަށް އަހުލުވެރިކުރުމުގެ ނުބައި އޮއިވަރެއް ޖަލުތަކުގައި ހިނގަމުންދާކަން ދާދިފަހުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ޖަލުގައި ކުރި ދިރާސާއަކުން، ދެނެގަނެވިފައިވާކަން ފާހަގަކުރެއްވި އެވެ. މިކަންކަމަށް އިޝާރާތްކުރައްވައި ރައީސްޗ ވިދާޅުވީ ދީނީ ހަރުކަށި ފިކުރުގެ މައްސަލަ ޙައްލުކުރުމަށް ކަމާ ގުޅުން ހުރި ތަރުބަވީ ޕްރޮގްރާމްތަކެއް ހިންގުމަށްޓަކައި 100 މީހުންގެ ޖާގައިގެ ޚާއްޞަ ޔުނިޓެއް މާފުށީ ޖަލުގައި ޤާއިމުކޮށް، އެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަކަމުގަ އެވެ. ހަމަ އެހެންމެ ޤައިދީން އިޞްލާޙްކޮށް އަނބުރާ މުޖްތަމަޢަށް ނެރުމަށް ކުރެވޭ މަސައްކަތުގެ ދަށުން ޕެރޯލް ނިޒާމު މިހާރަށް ވުރެ ހަރުދަނާކުރުމަށް ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެންނަންޖެހޭ އިޞްލާޙްތަކުގެ މަސައްކަތްތައް ވެސް ފެށިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި ރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މޯލްޑިވްސް ކަރެންޝަނަލް ސަރވިސްއަށް މެދުނުކެނޑި 25 އަހަރު ޚިދުމަތްކުރެއްވި މުވައްޒަފުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފަ އެވެ.