ސިފައިންގެ އެންމެ އިސް އެއް ވާޖިބަކީ ކޮންމެ ޙާލަތެއްގައި ވެސް ރައްޔިތުން ހިމާޔަތްކުރުންކަމަށް ރައީސް އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިން ހުވާކުރުމުގެ ގޮތުން މިއަދު ޅ. މާފިލާފުށީގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސިފައިންގެ މީހަކަށް ވިޔަސް، ޢާންމު ރައްޔިތުންނަށްޓަކައި އަދާކޮށްދޭންޖެހޭ މަދަނީ ވާޖިބުތަކެއް ހުންނާނެކަން ފާހަގަކުރައްވައި އާންމު ރައްޔިތަކަށް ކަމެއްދަމެއް ބޮޑުވާ ހާލަތްތަކުގައި ރައްޔިތުންގެ ހިމާޔަތުގައި ސިފައިން ތިބެން ވާނެކަން ފާހަގަކުރައްވާފަ އެވެ.

ދިވެހިންގެ ފަހުރުވެރި ޤައުމިއްޔަތުން ފެންނަ އެންމެ މަތިވެރި އެއް ސިފައަކީ، އަސްކަރިއްޔާގެ ބަދަހިކަމާއި އެކުވެރިކަމާއި ސާބިތުކަންކަމަށާއި މިއަދު ހުވާކުރި ސިފައިން އެމީހުން ފުރިހަމަކުރި ތަމްރީން ކޯހުން ލިބުނު ޢަސްކަރީ ހުނަރުގެ ހަގީގީ ބޭނުން ޤައުމަށް ކުރާނީ އެ ގޮތުގައި އެއް އަމާޒަކަށް މަސައްކަތް ކޮށްގެންކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މިޒަމާނުގެ ޢަސްކަރިއްޔާތަކަކީ ސައެންސާއި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ޢަސްކަރިއްޔާތައް ކަމަށް ފާހަގަކުރައްވައި ދިވެހި ސިފައިންވެސް މިދާއިރާއިން ވިސްނުން ގެންގުޅެންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ރައީސް ވިދާޅުވީ ސިފައިންގެ ހިދުމަތަށް، ޒަމާނީ ތަޢުލީމުގެ ތަފާތު ދާއިރާތަކުގެ މީހުން ބޭނުންވާކަމަށާ އަދި ތަފާތު ދާއިރާތަކުން އިލްމު ހޯދައިގެން ކުރިއަށް ދިއުމުގެ ފުރުސަތުތައް ވެސް ދިވެހި ޢަސްކަރިއްޔާގައި ހުޅުވިފައިވާކަމުގަ އެވެ.

ޑިމޮކްރެޓިކް މުޖްތަމަޢުތަކުގައި އަސްކަރިއްޔާތަކުގެ ބޭނުން މިހާރު ބޮޑަށް ހިފަނީ ހަނގުރާމައަށް ވުރެ ބޮޑަށް ސުލްހަ ދެމެހެއްޓުމަށް ކަން ފާހަގަކުރައްވައި މިސަރަޙައްދުގެ ޢަސްކަރިއްޔާތައް ވެސް އިސްކަންދެނީ ސަރަޙައްދީ ސުލްހަޔާއި ހަމަޖެހުން ދެމެހެއްޓުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ. ހަމަ އެހެންމެ، ދިވެހި ޢަސްކަރިއްޔާ ވެސް މިހާރު އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ގައުމުގެ ޞުލްޙަޔާއި ހަމަޖެހުން ދެމެހެއްޓުންކަމާއި ރާއްޖޭގެ މިނިވަންކަމާއި ދިފާއުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ، ސަރަޙައްދީ ހަމަޖެހުމާއި ސުލްހައަށްޓަކައި އެޅޭ ފިޔަވަޅެއްކަން ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވި އެވެ.

މި ރަސްމިއްޔާތުގައި، ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ފުރިހަމަކުރި ސިފައިންނަށް ރަމްޒީގޮތުން ބަޑިހަވާލުކޮށްދެއްވީ ރައީސް އެވެ. މި ރަސްމިއްޔާތުގައި، 195 ދަރިވަރަކު ސިފައިންގެ އަސާސީ ކޯސް ފުރިހަމަކޮށް ހުވާކޮށްފައިވެ އެވެ. މި ދަރިވަރުންނަށް ހުވާ ލައިދެއްވީ ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސުލައިމާން މުހައްމަދެވެ.