އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އެއާކްރާފްޓްތަކުގެ ބަދަކުގައި އާ އެއާކްރާފްޓްތަކެއް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި އާ އެއާކްރާފްޓްތައް އަންނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ގެނެވިދާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ އެމްޑީ މުހައްމަދު މިހާދު ވިދާޅުވެއްޖެ އެވެ.
މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަންގެ އެމްޑީ މިހާދު މިހެން ވިދާޅުވީ މިހާރު ލ. ގަމުގައި ކުރިއަށް ގެންދާ ވިއަވަތި ކޮންފަރެންސް ތެރެއިން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެމްޑީންނާ އެކު ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މިހާދު އިތުރަށް ވިދާޅުވީ މޯލްޑިވިއަންގެ އެއާކްރާފްޓްތަކަކީ މީގެ 23 އަހަރު ކުރިން ގެނެސްފައިވާ ބޯޓްތަކެއް ކަމަށެވެ. އެހެން ކަމުން އެތެރޭގެ އުދުހުންތަކުގައި ބޭނުންކުރާ އެއާކްރާފްޓްތައް ބަދަލުކުރުމުގެ މަސައްކަތުގެ ތެރެއިން އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ދެބައި ކުޅަ އެއްބައި އެއާކްރާފްޓްތައް ބަދަކުރެވިގެންދާނެ ކަމަށް މިހާދު ވިދާޅުވި އެވެ. އަލަށް ގެނެވޭ ބޯޓްތަކަކީ 72 މީހުންނާއި 42 މީހުންގެ ޖާގައިގެ ބޯޓުތަކެއް ކަމަށް ވެސް މިހާދު ވިދާޅުވި އެވެ.
މިހާދު ވިދާޅުވި ގޮތުގައި މި އަހަރު ނިމުމުގެ ކުރިން އާ ތިން ބޯޓެއް ވެސް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
ރޭ ބޭއްވި ބައްދަލުވުމުގައި ގިނަ ކައުންސިލަރުން ވަނީ މޯލްޑިވިއަންގެ ޓިކެޓް އަގު ބޮޑުވުމުގެ ޝަކުވާ ކޮށްފަ އެވެ. އަދި އެތެރޭގެ އުދުހުންތަކުގައި ޓްރާންސިޓް ކުރަން ޖެހުމުން ރައްޔިތުންނަށް އެތަކެއް ތަކުލީފެއް އުފުލަންޖެހޭކަން ވެސް ކައުންސިލަރުން ވަނީ ފާހަގަ ކޮށްފަ އެވެ.
ކައުންސިލަރުން ފާހަގަކުރި ކަންތައްތަކާ ގުޅިގެން މިހާދު ވިދާޅުވީ ޓިކެޓް އަގު ބޮޑު ނުކުރާ ކަމަށާއި ޓިކެޓްގެ އަގު ބޮޑުވެގެން އުޅެނީ ރާއްޖޭގައި ޖެޓް ފިއުލް ވިއްކާ އަގު ބޮޑުވުމުން ކަމަށެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހާ އަޅާބަލާއިރު ޖެޓް ފިއުލްގެ އަގު ވަރަށް ބޮޑަށް އުފުލި އޭގެ އަސަރުތައް ކުރަމުން އަންނަ ކަމަށް މިހާދު ވިދާޅުވި އެވެ.
"ޓިކެޓްގެ އަގަށް ބަދަލެއް ނުގެންނަން. އެކަމަކު ތެލުގެ އަގު ބޮޑުވާތީ ފިއުލް ސާޗާޖަށް އަންނަ ބަދަލުގެ އަސަރު މިއީ." މިހާދު ވިދާޅުވި އެވެ.
އައިލެންޑް އޭވިއޭޝަންގެ ފްލީޓުގައި 22 މަތިންދާ ބޯޓު އޮވެ އެވެ. މީގެތެރޭގައި ހިމެނެނީ 11 ސީ ޕްލޭން، އެއާބަސް 321، އެއާބަސް 320 އަދި ޑޭޝް8 ގެ 9 ބޯޓެވެ.