ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ)އަކީ ކައުންސިލުތަކުގެ އެކުވެރިޔާ ކަމަށާއި އެލްޖީއޭގެ ޒިންމާއަކީ ކައުންސިލުތަކަށް ދިމާވާ ކަންކަންމުގައި ހައްލު ހޯދައިތީ އެ ކަންކަމަށް ހައްލެއް ގެނެސްދިނުން ކަމަށް އެލްޖީއޭގެ ސީއީއޯ ފާތުމަތު އަފްޝަން ލަތީފު ވިދާޅުވެއްޖެ އެވެ.

މިއަދުން ފެށިގެން މާދަމާގެ ނިޔަލަށް ލ، ގަމުގައި ކުރިއަށްދާ ތިން ވަނަ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފު ވިދާޅުވީ އެލްޖީއޭއާ ދޭތެރޭގައި ކައުންސިލުން ދެކޭ ގޮތް ބަދަލުކުރަން ޖެހޭ ކަމަށެވެ. އެލްޖީއޭއަކީ ކައުންސިލުތަކުގެ ބެލެނިވެރި ފަރާތްތެއް ނޫން ކަމަށާއި މިއީ ކައުންސިލުތަކުގެ އެކުވެރިޔާ ކަމަށް ވެސް އަފްޝަން ވިދާޅުވި އެވެ.

އެލްޖީއޭގެ އެންމެ މުހިއްމު ދައުރަކީ ކައުންސިލުތަކަށް ދިމާވާ އެކި ކަހަލަ މައްސަލަތަކުގައި ހައްލު ހޯދައި ދިނުން ކަމަށާއި އެކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށް ވެސް އަފްޝަން ވިދާޅުވި އެވެ.

ލ.ގަމުގައި ކުރިއަށް ގެންދާ ތިން ވަނަ

ލާމަރުކަޒީ އުސޫލުން އިދާރީ ދާއިރާތައް ހިންގުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެންމެ އިސްކަން ދެއްވާ އެއް މަސައްކަތްކަން ފާހަގަ ކުރައްވަމުން އަފްޝަން ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެނެވުނު ބަދަލުތަކާ އެކު ހުރި ގޮންޖެހުންތަކާއި، ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށް އެކި ބައްދަލުވުންތައް ބާއްވަމުން ދަނީ ސީދާ ރައީސްގެ ބެއްލެވުމުގެ ދަށުން ކަމަށެވެ. އަދި ލާމަރުކަޒީ ނިޒާމް ހަރުދަނާ ކުރުމުގެ ހަކަތަ މި ސަރުކާރުގައި އެބަހުރިކަން ވެސް އަފްޝަންގެ ވާހަކާގައި ފާހަގަ ކުރެއްވި އެވެ.

"ލާމަރުކަޒީ ނިޒާމުގެ އިސް މޭސްތިރިޔަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު. މި ނިޒާމު ފުރިހަމަ ކުރުމަކީ އެމަނިކުފާނުގެ ތަސައްވަރެއް. މިއަދު އަޅުގަނޑުމެން މި ނިޒާމުގެ ތެރެއިން ގެންނަމުން މިދަނީ އިންގިލާބީ ބަދަލުތަކެއް. ނަމަވެސް އަދިވެސް ރަނގަޅު ކުރަންޖެހޭ، އިސްލާހު ކުރަންޖެހޭ ބައިވަރުކަންކަން އެބަހުރި،" އަފްޝަން ވިދާޅުވި އެވެ.

ލ.ގަމުގައި ކުރިއަށްދާ ތިން ވަނަ

މީގެ އިތުރުން އަފްޝަން ވިދާޅުވީ ތަހުޒީބީ މުޖުތަމަޢުތަކުގައި ވެސް ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރުމަށް އެތަކެއް އަހަރެއް ހޭދަވެފައިވާ ކަމަށެވެ. ރާއްޖެއަށް ވެސް މިހެޔޮ ބަދަލު ގެނެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ލާމަރުކަޒީ ނިޒާމުގެ ބާރުވެރިކަން ކައުންސިލްތަކަށް ލިބިދިނުމުގައި އެކި ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މިހާރު ވެސް ދަނީ ކުރެވެމުންނެވެ. މިއާއުއެކު ބައެއް ގަވާއިދުތަކާއި އުސޫލުތަކަށް ގެންނަންޖެހޭ ބަދަލުތައް ވެސް ދަނީ ގެންނަމުންނެވެ. "ވިއަވަތި" ކޮންފަރެންސް ފެށުމުގެ ކުރިން ބޭއްވުނު "ފަނޯއްލަ" ދަރުބާރުގައި ކައުންސިލްތަކުން ފާހަގަކުރި ކަންކަމަށް މި ކޮންފަރެންސުގައި ހައްލު ގެނެވިގެންދާނެ ކަމަށް އުންމީދު ކުރައްވާކަމަށް އަފްޝަން ވިދާޅުވި އެވެ.

ބްލޮކް ގްރާންޓް ދިނުމުގައި މިހާރު ގެންގުޅޭ ފޯމިއުލާ ބަދަލުކުރުމާއި، ކައުންސިލްތަކަށް ދުއްވާ ތަކެތީގެ ފީ ލިބޭނެ ގޮތެއް ހަމަޖެއްސުމުގެ އިތުރުން ކައުންސިލްތަކުގެ ކުންފުނި ހެދުމުގެ މަގެއް ފަހި ކުރުމަކީ ވެސް މުހިންމު ކަމެއް ކަމަށް އަފްޝަން ފާހަގަކުރެއްވި އެވެ. ކައުންސިލްތަކުގެ ބާރުވެރިކަން އިތުރުކޮށް ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް މިހާތަނަށް 78 ޓްރޭނިން ޕްރޮގުރާމް އެލްޖީއޭ އިން ވަނީ ބާއްވައިފަ އެވެ. މި ބައްދަލުވުންތަކުގައި ލޭންޑް ޔޫޒް ޕްލޭނާއި، ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ހައްލު ކުރުމަށް މަޝްވަރާކުރެވި ހައްލު ހޯދުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް އަފްޝަން ވިދާޅުވި އެވެ.