ލާމަރުކަޒީ ނިޒާމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ކުރުމުގެ ވައްޓަފާޅިއެއް ކަމަށް އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.
ލ. ގަމުގައި ކުރިއަށްދާ "ވިއަވަތި ރާއްޖެ" ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވީ ލާމަރުކަޒީ ނިޒާމަކީ ރާއްޖެ ތަރައްޤީކޮށް ހަމަހަމަ ފުރުސަތު ތަނަވަސްކުރުމަށް ރައީސް ސޯލިހު އެންމެ އިސްކަން ދެއްވާ ސިޔާސަތު ކަމަށެވެ.
އެ މަނިކުފާނުގެ ވެރިކަމުގެ މިވީ ދުވަސްތަކުގައި މަރުކަޒީ ބާރުވެރިކަން ދޫކޮށް، ލާމަރުކަޒީ ސިޔާސަތު ތަންފީޒު ކުރުމަށް ކުރެއްވި މަސައްކަތުން ހެޔޮ ނަތީޖާތަކެއް ލިބިފައިވާކަމަށް އިމްރާން ވިދާޅުވި އެވެ. ރާއްޖޭ ލާމަރުކަޒީ ނިޒާމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެއް ނޫން ކަމަށާއި އެއީ އެމަނިކުފާނުގެ ވެރިކަންކުރާ ވައްޓަފާޅި އާއި ސްޓައިލް ކަމަށް ވެސް އިމްރާން ވިދާޅުވި އެވެ.
"ލާމަރުކަޒީ ނިޒާމު ފައްކާ ކުރުން އެއީ ރައީސް ސޯލިހު ކެމްޕެއިން ވައުދެއްގެ ގޮތުގައި ވިދާޅުވެފައިވާ ބަސްފުޅެއްނޫން. އެއީ މިޖަޒީރާ ރާއްޖޭގެ ވެރިކަން ހިންގަންޖެހޭނެކަމަށް އެމަނިކުފާނު އީމާންވެ ވަޑައިގަންނަވާ ގޮތް. އެމަނިކުފާނުގެ ޕެޝަން. އެމަނިކުފާނު ވެރިކަން ކުރައްވާ ވައްޓަފާޅިއާއި ސްޓައިލް،" ދެކުނުގެ އަތޮޅުތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ކޮންފަރެންސްގައި އިތުރަށް ވާހަކަ ދައްކަވަމުން މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.
މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ މިސަރުކާރުން ލާމަރުކަޒީ ނިޒާމް ފުރިހަމަ ކުރާނީ މި ސިޔާސަތު ދެން އިންޗިއަކަށް ވެސް ފަހަތަށް ޖައްސާލެވޭނެ ގޮތަކަށް ނޫން ކަމަށެވެ.