އަމާޒަކީ ސަރުކާރުގެ އެންމެ އިސް ސަފުގައި މަސައްކަތްކުރައްވާ އަންހެން ބޭފުޅުންގެ އަދަދު މިހާރަށްވުރެ ވެސް އިތުރު ކުރެއްވުންކަމަށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ތިން ވަނަ ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ތެރެއިން، އެންމެ ފުރަތަމަ ކުރިޔަށް ގެންދިޔަ މިންތީގެ ހަމަހަމަކަމާއި ގުޅޭ ޕެނަލްޑިސްކަޝަންގެ ރިޔާސަތު ބަލަހައްޓަވައި، ދެއްކެވި ވާހަކަފުޅުގަ އެވެ.

ރައީސް ވިދާޅުވީ، ސިޔާސީ، އިގްތިސާދީ އަދި އިޖުތިމާއީ މައިދާނުގައި، އަންހެނުންނަށް ހަމަހަމަ ފުރުސަތު ހޯދައިދީ، އަންހެނުން ބާރުވެރި ކުރުވުމަކީ ސަރުކާރުން މިހާރު ވެސް ތަންފީޒު ކުރަމުން އަންނަ ވަރަށް މުހިންމު ސިޔާސަތެއް ކަމަށާއި، ހުރިހާ ދާއިރާއެއްގައި މިންތީގެ ހަމަހަމަކަން ޤާއިމްކޮށް، ސަރުކާރުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި، ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭނެއް ވެސް އެކުލަވާލައި މިހާރު ފާސްކުރެވިފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ ސިޔާސީ މައިދާނުގައި ވަކިން ހާއްސަކޮށް، ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށާއި، ވަޒީރުންގެ މަޖިލީހުގައި މިހާރު އަންހެނުންގެ ނިސްބަތަކީ 33 އިންސައްތަ ކަމަށެވެ. އަދި އަމާޒަކީ ވެސް އުންމީދަކީވެސް ސަރުކާރުގެ އެންމެ މަތީ ފަންތީގައި މަސައްކަތްކުރާ އަންހެނުންގެ ނިސްބަތް އިތުރުވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ސަފީރުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުންގެ ތެރޭގައި އަންހެނުންނާއި ފިރިހެނުންގެ ނިސްބަތް ހަމަހަމަކަން ވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އިންތިޚާބީ މަޤާމުތަކުގެ ތެރެއިން ކައުންސިލްތަކުގެ، 33 އިންސައްތަ ގޮނޑި އަންހެނުންނަށް ކަނޑައަޅާފައި ވާއިރު، މިހާރު ކައުންސިލްތަކުގެ، 39.8 އިންސައްތައަކީ އަންހެން ކައުންސިލަރުންކަން ފާހަގަކުރައްވާފަ އެވެ.

މި ސެޝަންގައި، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކާއި އަދި ކުރެވެމުންދާ މަސައްކަތްތަކާ ގުޅޭގޮތުން، ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދުދީދީ ވަނީ ކޮންފަރެންސްގެ ބައިވެރިންނާ މައުލޫމާތު ހިއްސާ ކުރައްވައި ޕްރެޒެންޓޭޝަނެއް ދެއްވާފަ އެވެ.

ވިޔަވަތި ކޮންފަރެންސްގައި ޖެންޑާ މިނިސްޓަރު ބައިވެރިވަނީ. ފޮޓޯ: ރައީސް އޮފީސް

މީގެ އިތުރުން ވިއަވަތި ރާއްޖެ ކޮންފަރެންސް، ފެށުމުގެ ކުރިން ބޭއްވި "ފަނޯއްލަ" ދަރުބާރުގައި، ކައުންސިލަރުން މަޝްވަރާކުރައްވައި ފާހަގަކުރެއްވި ކަންކަމާއި ގުޅޭގޮތުންނާ ކައުންސިލަރުން ފާހަގަކުރައްވަން ބޭނުންވެލައްވާ އިތުރު ކަންކަން ފާހަގަކުރެއްވުމަށް ވެސް ޕެނަލް ޑިސްކަޝަންގެ ތެރެއިން ވަނީ ފުރުޞަތު ދެއްވާފަ އެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުންގެ ތެރެއިިން 107 ބޭފުޅުންނާއިއެކު، ޖުމްލަ 270 ބޭފުޅުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި މިއަދު ކުރިޔަށް ދެން އޮންނާނީ މި ކޮންފަރެންސްގެ ދެވަނަ ސެޝަނެވެ. އެ ސެޝަން އަމާޒުކޮށްފައި ވަނީ "ބިނާވެށި ޕްލޭން" އެކުލަވާލުމާ ގުޅޭގޮތުންނެވެ.