ލޯކަލް ކައުންސިލްތަކުން ތައްޔާރު ކުރާ ލޭންޑް ޔޫސް ޕްލޭން ބައިބަޔަށް ފާސްކޮށް ދޭން ނިންމަވާފައިވާ ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އަސްލަމް މިފަދައިން ވިދާޅުވީ މިހާރު ލ. ގަމުގައި ކުރިއަށްދާ ވިއަވަތި ކޮންފަރެންސްގައި ކުރިއަށް ދިޔަ ސެޝަނެއްގައި ވާހަކަ ދައްކަވަމުންނެވެ.
މިސެޝަނުންގައި ގިނަ ކައުންސިލުތަކުން ވަނީ ލޭންޑް ޔޫސް ޕްލޭން ފާސްކުރުމުގައި ގިނަ މައްސަލަތަކެއް ކުރިމަތިވާކަން ފާހަގަ ކޮށްފަ އެވެ. އަދި ލޭންޑް ޔޫޒް ޕްލޭނުގައި ކުދި ކުދި މައްސަލަތައް ހުރި ނަމަވެސް އެޕްލޭނުގެ ބައެއް ނަމަވެސް ފާސްކޮށްދިނުމަށް ކައުންސިލަރުން ވަނީ އެދިވަޑައިގެންފަ އެވެ.
މިކަމާ ގުޅިހެން މިނިސްޓަރު އަސްލަމު ވިދާޅުވީ ރަށްރަށުން ހުށައަޅާ ލޭންޑް ޔޫސް ޕްލޭން ކުދި ކުދި މައްސަލަތައް ހުރި ނަމަވެސް އެޕްލޭންގެ ބައެއް ފާސްކޮށްދިނުމަށް މިހާރު ނިންމާފައިވާ ކަމަށެވެ.
ތ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް މިހާތަނަށް އެގާރަ ޕްލޭނެއް ހުށައަޅާފައިވާއިރު އޭގެ ތެރެއިން ފާސްވެފައިވަނީ ހަތަރު ލޭންޑް ޔޫޒް ޕްލޭންކަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ހަތް ޕްލޭނެއްގައި ވަރަށް ކުދި މައްސަލަތަކެއް ހުރުމުން ފާސްނުވެފައިވާ ކަމަށްވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"ކޮންޑިޝަނަލް އެޕްރޫވަލް ދޭން ވެސް ވަކި މިންވަރެއް އޮންނާނެ, ހުއްދައެއް މި ދެނީ ލޭންޑް ޔޫސް ޕްލޭނުން މަދުވާ އެއްޗަކީ މިއީ އެ ހަމަ ކުރާށޭ, ދެން ހުރި އެއްޗެހި މައްސަލައެއް ނެތޭ, އެގޮތަށްދާ އެޕްރޫވަލެއް ތިޔަބޭފުޅުންނަށް ދާނީ," މިނިސްޓަރު ވިދާޅުވި އެވެ.
ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުން މި ސެޝަންގައި ވާހަަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ލޭންޑް ޔޫސް ޕްލޭން އެކުލަވާލަން ދަތިތަކެއް ހުރިނަމަ ޤާނޫނަށް އިޞްލާހު ގެނެސްގެންވެސް މައްސަލަ ހައްލުކުރުމަށް ފެނިވަޑައިގަންނަވާކަމަށެވެ.
"ލޭންޑް ޔޫޒް ޕްލޭން ހެދުމުގައި ހުރިހާ ކައުންސިލަކަށް ދަތިތަކެއް ހުރިކަމަށް ފާހަގަކުރެއްވޭނަމަ، ޤާނޫނަށް ބަދަލުތަކެއް ގެނެސްގެންނަމަވެސް، މައްސަލަތައް ހައްލުކޮށް، ލޭންޑް ޔޫޒް ޕްލޭންތައް ހެދޭނެ މަގު ފަހިކުރަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގެ ދަށުން ލޭންޑް ޔޫސް ޕްލޭން، ހެދުން ކައުންސިލްތަކަށް ލާޒިމްކުރެ އެވެ. އެގާނޫނުގައި ބަޔާންކުރަނީ، ކައުންސިލްތަކުގެ އިންތިހާބަށްފަހު އިންތިހާބުކުރެވޭ މެންބަރުން މަޤާމާ ޙަވާލުވުމަށްފަހު ތިން މަސްދުވަހުގެ ތެރޭގައި، އަތޮޅު ކައުންސިލުން ފޯރުކޮށްދޭ ފަންނީ އެހީތެރިކަމާއެކު، އެރަށެއްގެ ރަށުގެ ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން އެކުލަވާލައްވާނެކަމަށެވެ. ނަމަވެސް ކައުންސިލަރުން ހުވައިކުރިތާ އަހަރެއް ފާއިތުވިނަމަވެސް ގިނަ ކައުންސިލްތަކުން ލޭންޑު ޔޫސް ޕްލޭން އެކުލަވާލާފައިނުވެ އެވެ.
މިހާތަނަށް 68 ރަށެއްގެ ކައުންސިލަކުން ލޭންޑު ޔޫސް ޕްލޭން ހުށައަޅާފައިވާކަމަށާއި، އޭގެ ތެރެއިން 19 ލޭންޑު ޔޫސް ޕްލޭން ފާސްކޮށްފަ އެވެ.
ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ލޭންޑު ޔޫސް ޕްލޭންތައް ފާސްނުވިނަމަވެސް، ކޮންޑިޝަނަލް އެޕްރޫވަލްއެއް ނުވަތަ ވަގުތީ ހުއްދައެއް ދެއްވުމަށް ސަރުކާރުން ނިންމެވުމުން، ކައުންސިލްތަކުން ވަނީ އެކަމަށް ތާއީދުކުރައްވާކަން ހާމަކޮށްފަ އެވެ.