ކަނޑުން އުދުހިފައިދާ ފުޅަނގިއެއް މަތިން ހޯރަ ޖަހައިގަންނަތަން ފޮޓޯއެއް ނެގުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އަދި ރުކެއްގެ ފަން މަތީގައި އިންނަ ޅަ ދޮންދީންޏަކަށް މަންމަ ދޫނި މަސް ހިފައިގެން ގޮސް ކާންދޭ ތަން ވެސް ފޮޓޯއިން މާގިނައިން ފެނިފައެއް ނެތެވެ. އެކި ވައްތަރުގެ ދޫނީގެ މިފަދަ ތަފާތު އެތައް ފޮޓޯއެއް އޭނާ އަންނަނީ ނަގައި، ރައްކާކުރަމުންނެވެ.

އައްޑޫގައި ޅަ ދޮންދީނަކަށް މަންމަ ދޫންޏެއް ކާން ދެނީ. ފޮޓޯ: އާތިފް

މިކަހަލަ ފޮޓޯތަކަކީ ރާއްޖޭގައި އެހާ އާއްމު ފޮޓޯތަކެއް ވެސް ނޫނެވެ. އެކަމަކު އޭނާ އަލްބަމްގައި ގިނައިން ހުރީ ރާއްޖޭގައި އުޅުނަސް އާއްމުކޮށް ނުފެންނަ އެކި ވައްތަރުގެ ދޫނިތަކުގެ ހަރަކާތްތަކުގެ ފޮޓޯ އެވެ.

އޭނާގެ އެ ފޮޓޯތައް ބަލައި މީހަކު ފޫހިނުވާނެ އެވެ. އެކަހަލަ ބައިވަރު ފޮޓޯ ކުޅަދާނަ ދުވުންތެރިޔާ، ސ. ހިތަދުއަށް އުފަން އަހުމަދު އާތިފް އަންނަނީ ކޮންމެ ދުވަހަކު ވެސް ނަގަމުންނެވެ. އެ ފޮޓޯތައް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުން ދޫކޮށްލުމުން ވަނީ ވަރަށް ގަދަޔަށް ވައިގަ ހިފައިފަ އެވެ. އެ ފޮޓޯތައް ހަމަ ތަފާތުވީމަ އެވެ.

ހިތަދޫ އިކުއެޓޯރިއަލް ހޮސްޕިޓަލް ހޮސްޕިޓަލް ކައިރީގައި އޮންނަ ފެންގަނޑެއްގައި އުޅޭ "ރޭރު" އެއް. ފޮޓޯ: އާތިފް

ސުޕްރިޓެންޑެންޓް އޮފް ޕޮލިސްގެ މަގާމު ވެސް އަދާކުރައްވާ އަހުމަދު އާތިފްއަކީ ރާއްޖޭގެ މަޝްހޫރު ދުވުންތެރިއެކެވެ. ދުވުމުގައި ވެސް އޭނާއަކީ ތަފާތު މީހެކެވެ. މާލެ ވަށައި 24 ގަޑިއިރު ދުވެގެން، އާތިފްގެ ގަދަ ހިތްވަރު ސާބިތުކޮށްދީފައިވެ އެވެ. އޭގެ ފަހުން އިނގިރޭސި ވިލާތުގެ ނޯތު ޑައުންސް ވޭގައި ސެންޓޫރިއަން އަލްޓްރާ މެރެތަންގައި ވެސް 2016ގައި ދުވެފައިވެ އެވެ. މިއީ ދުނިޔޭގެ އެންމެ އުނދަގޫ ދުވުމުގެ ރޭހެވެ. އޭގެ އިތުރުން އާތިފްވަނީ އޮސްޓްރޭލިއާގައި އަޔަންމެން ޓްރައިތެލޯން ފުރިހަމަކޮށް ރާއްޖޭގެ ދެ ވަނަ އަޔަންމެންގެ ޝަރަފް ވެސް ހޯއްދަވައިފަ އެވެ.

ނަމަވެސް ކޮވިޑާ ގުޅިގެން ދަތުރުކުރުން ހުއްޓުމަކަށް އައުމާއެކު އާތިފްގެ ދުވުން ވަނީ މަޑުޖެހިފަ އެވެ. އެހެންވެ އޭނާ ގަސްދުކުރީ ހޮބީއެއްގެ ގޮތުގައި ފޮޓޯ ނަގަން ފެށުމަށެވެ.

އާތިފް ފޮޓޯ ނެގުމަށް ކެމެރާއެއް ހިފައިގެން. މިއީ އޭނާ ހޮބީއެއް ގޮތަށް ކުރާ ކަމެއް.

"މި ކޮވިޑް ތެރޭގައި ދުވަން ރާއްޖެއިން ބޭރަށް ނުދެވޭތީ ހިތަށް އެރީ ފޮޓޯ ނަގަން ފަށަން. އެހެންވެ އާއްމުކޮށް ރާއްޖެއިން ނުފެންނަ ނުވަތަ ތަފާތު ދޫނިތަކުގެ ފޮޓޯ ނަގަން ފެށީ،" އުރީދޫގެ ބްރޭންޑް އެމްބެސެޑަރު އާތިފް ބުންޏެވެ.

އޭނާ ފޮޓޯ ނަގަން ފެށީ އޮންލައިންކޮށް ފޮޓޯގްރަފީ ކޯހެއް ހަދައިގެންނެވެ. އޭގެ ފަހުން ސޮނީ އޭ 6400 ކެމެރާއެއް ގަނެގެން އާތިފް ވަނީ ތަފާތު އެކި ވައްތަރުގެ ދޫނީގެ ފޮޓޯތަކެއް ނެގުމަށްފަހު އޭނާ ފޭސްބުކްގައި ކޮންމެ ދުވަހަކު ވެސް ޕަބްލިޝްކުރަމުންނެވެ.

"މުޅިން ވެސް އެކި ވައްތަރުގެ ދޫނީގެ ފޮޓޯ މިނަގަނީ. ވީޑިއޯ ވެސް އެބަ ނަގަން. އެންމެ ގިނަ ވައްތަރުގެ ދޫނި ފެންނަނީ އައްޑޫން،" އާތިފް ބުންޏެވެ. "މި ދުވަސްވަރު ދަތުރު ނުކުރެވޭތީ އެހެން ތަނުގެ އުޅޭ ދޫނިތަކެއް ނޭނގެ. އެކަމަކު ވަރަށް ގިނަ މީހުން ބުނޭ އައްޑޫގައޭ އެންމެ ގިނަ ވައްތަރުގެ ދޫނި އުޅެނީ."

ކްރޮސް ރޯޑްސް ކައިރީގައި އޮންނަ ދޮންވެލި ފިނޮޅުގައި އިން "ރަތަފައި" ދޫންޏެއް. ފޮޓޯ: އާތިފް

އޭނާ ވަނީ ދ. އަތޮޅު ވާނީ ކައިރިންނާއި މާލެ އަތޮޅުގައި އޮންނަ ކްރޮސްރޯޑްގެ ފަސްގަނޑު އަދި ވ. ވައްޓަރު ކައިރިން ވެސް ތަފާތު ވައްތަރުގެ ދޫނިތަކުގެ ފޮޓޯ ނަންގައިފަ އެވެ.

އާތިފް ނެގި ފޮޓޯތަކުގެ ތެރެއިން އެންމެ ތަފާތު އެއް ފޮޓޯއަކީ ހޯރަ ފުޅަނގި ޖަހައިގެންދާ ފޮޓޯ ހިމެނެ އެވެ. އޭނާ ވިދާޅުވީ އެއީ ވަރަށް އާދަޔާ ޚިލާފު ފޮޓޯއެކެވެ.

"އެ ފޮޓޯ ނެގީ އައްޑޫ ކަނޑުގައި ޑިންގީއެއްގައި ކަންނެލި ބާނަން ނުކުމެ އުޅެނިކޮށް ހޯރަތައް އުދުހޭތަން ފެނިގެން. އެއީ ވަރަށް އުނދަގުލުން ނެގި ފޮޓޯއެއް،" އާތިފް ބުންޏެވެ.

އައްޑޫ ހޮސްޕިޓަލް ކައިރީގައި އޮންނަ ފެންގަނޑުގައި "ކުޑަ ލަގަނާ" އެއް. ފޮޓޯ: އާތިފް

އޭނާ ވަނީ ރާއްޖެއަށް މިދުވަސްވަރާ ދިމާކޮށް ހިޖުރަކުރާ ގިނަ އަދަދެއްގެ ދޫނިތަކުގެ ފޮޓޯ ވެސް ނަންގައިފަ އެވެ. އޭގެ ތެރޭގައި ބޮޑު ބުޅިތުނބި، ބްލެކް ބެލީޑް ޕްލޯވާ ނުވަތަ އަލަކަ އާއި ކެސްޕިއަން ޓާން (މިޔަރެމު ދޫނި)، އައްޑޫ ނޭޗާ ޕާކުގައި އުޅޭ ގްރޭޓް އެގްރެޓް (ލަގަނާ)، ވަލު ބޮނދައެއް ކަކުނި ކަނިކޮށް ވެސް ފޮޓޯއެއް ވެސް ނަގައިފަ އެވެ. މީގެ އިތުރުން ރާއްޖެއިން ވަރަށް މަދުން ފެންނަ ކްރެބް ޕްލޯވާ (ތޭރަވާ) އެއް އައްޑޫ ނޭޗާ ޕާކުގެ ތެރެއިން ފެނިގެން ވަނީ ފޮޓޯ ނަގައިފަ އެވެ. އަދި ރޫޑީ ޓާންސްޓޯން (ރަތަފަ) އާއި ކިރު ދޫންޏެއް މަހެއް މޫދުން ނަގައިގެން އުދުހިފައި ދަނިކޮށް ވެސް ފޮޓޯއެއް ނަގާފައިވެ އެވެ.

ސ. ހިތަދޫ ނޭޗާ ޕާކު ތެރޭގައި އުޅޭ ފިޔަކަޅު ބާޒެއް އުދުހެނީ. ފޮޓޯ: އާތިފް

މީގެ އިތުރުން އައްޑޫ ނޭޗާ ޕާކުގައި އުޅޭ ފިޔަކަޅު ބާޒެއް ރުކެއްގެ ފަނެއްގައި އިށީނދެގެން އިން ފޮޓޯ ވެސް އާތިފް ވަނީ ނަންގައިފަ އެވެ. މިއީ ރާއްޖޭގައި ވަރަށް މަދުން އުޅޭ ދޫންޏެކެވެ.

"އައްޑޫ ނޭޗާ ޕާކުގައި އެ ވައްތަރުގެ ދެ ބާޒު އުޅޭ ކަމަށް ބުނޭ. މީގެ އިތުރުން ދޮންދޫނީގެ އެކި އެކްޝަންތަކުގެ ފޮޓޯތައް ވެސް ނަގާފައި ހުންނާނެ،" އޭނާ ބުންޏެވެ.

އިރު އަރައިގެން އައި ވަގުތު މާލެ އަތޮޅު ފިނޮޅެއް ކައިރިން ކިރު ދޫންޏެއް އުދުހިފައި ދަނީ. ފޮޓޯ: އާތިފް

ދުވުމަށް ޝައުގު ބަހައްޓާ ފަދައިން، އާއްމުކޮށް ނުފެންނަ އެކި ވައްތަރުގެ ފޮޓޯ ނެގުމަށް ވެސް ވަރަށް ބޮޑު ޝައުގުވެރިކަމެއް އާތިފް މިހާރު ބަހައްޓަ އެވެ. މިއީ އަދި ފެށުމެކެވެ. ފުޅަނގި ޖަހައިގެން ހޯރަ ނައްޓާ ކަހަލަ އެތައް ފޮޓޯއެއް ކުރިޔަށް އޮތްތަނުގައި އާތިފްގެ އަލްބަމުން ފެންނާނެ ކަމަށް އުއްމީދުކުރެވެ އެވެ.