މިދިޔަ ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިފަހުން 90،000 އަށްވުރެ ގިނަ ގިނަ ޓޫރިސްޓުން އަތުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން ޖުލައި 15ން އިއްޔެގެ ނިޔަލަށް ވަނީ 90,437 ޓޫރިސްޓުން ރާއްޖެ އައިސްފަ އެވެ. އަދި މި އަހަރުގެ މިހާތަނަށް 473،284 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 69.8 ޕަސެންޓް ދަށް އަދަދެކެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިދިޔަ އެއް ހަފުތާގެ ތެރޭގައި 14،296 ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ކަމަށެވެ.

އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން އިއްޔެގެ ނިޔަލަށް ދުވާލަކު އެވްރެޖްކޮށް 2،042 ޓޫރިސްޓުން އައިސްފައިވެ އެވެ. އަދި ރާއްޖޭގައި އެވްރެޖްކޮށް 8.5 ދުވަސް ހޭދަކުރާ ކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެ އެވެ.

ބޯޑަރު ހުޅުވިފަހުން ރާއްޖެއަށް މިހާތަނަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައި ވަނީ ރަޝިއާ އިންނެވެ. އެ ގައުމުން 19,883 ޓޫރިސްޓުން އައިސްފައިވެ އެވެ. ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި އިންޑިއާއިން 12,615 މީހުން އައިސްފައިވެ އެވެ. އިނގިރޭސިވިލާތުން 7,416 ޓޫރިސްޓުން އައިސްފައިވެ އެވެ. އެއީ ތިންވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ.