ތެހްރާން (20 ސެޕްޓެމްބަރު) ސްޕޭސް އެކްސްގެ ސްޓާލިންކް ބްރޯޑްބޭންޑް އިންޓަނެޓް ޚިދުމަތް އީރާނަށް ފޯރުކޮށްދޭން، އެގައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުން އިސްތިސްނާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް އެ ކުންފުނީގެ ވެރިޔާ އިލަން މަސްކް ވިދާޅުވެއްޖެ އެވެ.

ޓްވިޓާ މެދުވެރިކޮށް އިލަން މިކަން އިއުލާން ކޮށްފައިވަނީ އީރާނުގައި ދާޚިލާ ހަމަނުޖެހުންތަކެއް ހިނގަމުންދާ ދަނޑިވަޅެއްގައި ސްޓާލިންކް އިންޓަނެޓްގެ ޚިދުމަތް އެ ގައުމަށް ފޯރުކޮށްދޭން ގިނަ ބަޔަކު އެދެމުން ދަނިކޮށެވެ.

ސޯޝަލް މީޑިއާ އާއި އިންޓަނެޓް ބޭނުން ކުރުމަށް އީރާނުގައި ހިފެހެއްޓުންތަކެއް ހުރި އިރު ހަމަނުޖެހުންތަކާ ގުޅިގެން އިންޓަނެޓުގެ ޚިދުމަތް މުޅިންހެން ވަނީ ހުއްޓިފަ އެވެ.

މިކަމާ ގުޅޭ ގޮތުން އީރާނުގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަން އެންޑް އިންފޮމޭޝަން ޓެކްނޮލޮޖީގެ ބަހެއް މިހާތަނަށް ލިބިފައިނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އީރާނަށް ގިނަ ގައުމުތަކަކުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާއިރު އިސްތިސްނާއަށް އެދޭނީ ކޮން ގައުމަކުން ކަން އިލަން ބުނެފައެއް ނުވެ އެވެ.

ސްޓާލިންކްއަކީ ސެޓެލެއިޓް މެދުވެރިކޮށް އިންޓަނެޓް ޚިދުމަތް ލިބޭ ގޮތަށް ސްޕޭސް އެކްސްއިން ދެމުންދާ ޚިދުމަތެކެެވެ. އެ ކުންފުނިން އަންނަނީ މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. -- އަލް އަރަބިއްޔާ