ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި ހިންގި ޔޯގާ ހަރަކާތް ހުއްޓުވައި ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝެއިހް ފަޒްލޫން މުހައްމަދު ބަންދުން ކުރިމިނަލް ކޯޓުން ދޫކޮށްލީ ގޯސްކޮށްކަމަށް ހައިކޯޓުން ހުކުމްކޮށްފި އެވެ.

ފުލުހުންގެ ތަހުގީގަށް އެއްބާރުލުން ދިނުމާއި، ހާޒިރުވާން އަންގާ ހިނދެއްގައި ހާޒިރުވުމާއި، މާލެއިން ނުވަތަ ރާއްޖެއިން ބޭރަށް ދާނަމަ ކޯޓަށް އެކަން އެންގުން ލާޒިމުކޮށް ޝެއިހް ފަޒްލޫން ދޫކޮށްލަން ކުރިމިނަލް ކޯޓުން އަމުރު ނެރުމުން އެ އަމުރު ދައުލަތުގެ ފަރާތުންވަނީ ހައިކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

ދައުލަތުން އިސްތިއުނާފުކުރި ނުކުތާއަކީ އެ އަމުރުގެ ކުރިން ފަޒްލޫން ބަންދުގައި ބެހެއްޓި ހެކީގެ ނިސްބަތަށާއި، ބަންދުގައި ބެހެއްޓުމުގައި ރިއާޔަތްކުރި ސަބަބުތަކަށް ބަދަލުތަކެއް އައިސްފައިނުވާ ކަމެވެ.

މި މައްސަލާގައި ހައިކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ ފަޒްލޫން ދޫކޮށްލަން 21 ޖުލައި ވަނަ ދުވަހުގައި ކުރިމިނަލް ކޯޓުން އަމުރެއް ނެރުމާއި، އެ މަހުގެ ފަސްވަނަ ދުވަހުގައި އޭނާގެ ބަންދުގެ މުހުލަތު އިތުރުކުރަން އަމުރު ނެރުމާ ދެމެދުގައި، ބަންދު އަމުރު ނެރުނު ސަބަބުތަކަށް އެއްވެސް ބަދަލެއް އައިސްފައިނުވާ ކަމަށެވެ.

ހައިކޯޓުގައި މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާޤުން ނެރުއްވި އަމުރުގައި އިތުރަށް ފާހަގަކޮށްފައިވަނީ ތުހުމަތުވާ ކުށަކީ ގިނަ ބަޔަކު ބައިވެރިވި ކުށެއް ކަމުގައިވާނަމަ، އެ ކުށުގައި ތުހުމަތުވާ މީހާ ބައިވެރިވި މިންވަރު ކުޑަކަމަށް ފާހަގަވާނަމަ، ނުވަތަ އަނިޔާއެއް ނުރައްކާތެރިކަން ކުޑަ ކަމުގައިވާނަމަ އެކަންކަމަށް ރިއާޔަތްކޮށް ބަންދަށް ލުއި ދެވިދާނެ ކަމަށެވެ. އެ ސަބަބަށް ޓަކައި ލުއިދޭނަމަ ގާޒީގެ ނިންމެވުމުގައި އެ ގޮތެއް ނިންމެވި ސަބަބު ތަފުސީލުކޮށް އެނގެން ޖެހޭނެ ކަމަށްވެސް އެހުކުމްގައި ބުނެފައިވެ އެވެ.

އެހެންވެ، ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ބަންދާ މެދު ގޮތެއް ނިންމުމަށް ދައުލަތުން ހުށަހަޅައިފިނަމަ، ފަޒުލޫންގެ ބަންދާ މެދު ކްރިމިނަލް ކޯޓުން އަލުން ބަލައި، ގޮތެއް ނިންމަން ޖެހޭނެ ކަމަށް ހައި ކޯޓުން ވަނީ ހުކުމްކޮށްފަ އެވެ.

ޝެއިހް ފަޒުލޫނާއެކު ހައްޔަރުކުރި ޝެއިޚް އާދަމް ނިޝާން ދޫކޮށްލުމަށްވެސް ކުރިމިނަލް ކޯޓުން އަމުރެއް ނެރެފައިވެ އެވެ. އެ އަމުރުވެސް ދައުލަތުންވަނީ އިސްތިއުނާފުކޮށްފަ އެވެ.