ބޮލީވުޑުގެ މަޝްހޫރު ބަތަލާ ޝިލްޕާ ޝެޓީގެ ފިރިމީހާ އަދި ވިޔަފާރިވެރިޔާ ރާޖު ކުންދުރާ "ބިގް ބޮސް 16" ގައި ބައިވެރިވާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބަރަހަނާ ފިލްމު އުފައްދައި އޭގެ ވިޔަފާރިކުރުމުގެ ތުހުމަތުގައި ރާޖް ހައްޔަރުކުރީ މިދިޔަ އަހަރުގެ ޖުލައި މަހުގަ އެވެ. ނަމަވެސް އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރު ދޭ ނުވަތަ ސާބިތު ކޮށްދޭ އެއްވެސް ހެެއްކެއް ނެތުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު އޭނާ ވަނީ ބަންދުން ދޫކޮށްލާފަ އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ރާޖު ކުންދުރާ އަންނަނީ "ބިގް ބޮސް" އުފައްދާ ޓީމާއެކު މިޝޯގައި ބައިވެރިވުމަށް މަޝްވަރާ ކުރަމުންނެވެ. އަދި މިޝޯގައި ރާޖު ބައިވެރިވުމަށް ނިންމާފައިވަނީ އޭނާއާ މެދުގައި ކުރެވޭ ތުހުމަތުތަކުގެ ހަގީގަތްތައް ހާމަކުރުމުގެ ގޮތުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
އެ ޝޯގައި ބައިވެރިވުމަށް 30 ކްރޯޑް އިންޑިއަން ރުޕީސް ދޭން ޖެހޭނެ ކަމަށާއި އަދި ޝޯއިން ލިބޭ ފައިސާ ހަދިޔާ ކުރާނީ އެންޖީއޯއަކަށް ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ.
މި މައްސަލަށް އަށް ފަހު ގިނަ ދުވަސްތަކެއް ވަންދެން ސޯޝަލް މީޑިއާ ދުރުގައި ހުރުމަށްފަހު ރާޖު ކުރި ޓުވީޓެއްގައި ބުނެފައި ވަނީ އޭނާ ޖަލުން ދޫކޮށްލިތާ އަހަރެއް ވެއްޖެ ކަމަށާއި ހަގީގަތް ވަރަށް އަވަހަށް ހާމަވާނެ ކަމަށެވެ. އަދި އޭނާއަށް ހިތްވަރުދީ އެހީތެރިވެދިން މީހުންނަށް ޝުކުރު އަދާކޮށްފައިވާ އިރު އޭނާއަށް ފާޑުކިޔާ ފަރާތްތަކަށް ބުނެފައި ވަނީ އެ ފާޑުކިޔުންތަކަކީ އޭނާއަށް ލިބުނު ހިތްވަރެއް ކަމަށެވެ. އޭގެ އިތުރުން ހަގީގަތް ނޭނގޭ ނަމަ އެކަމަކާ ގުޅޭގޮތުން ވާހަކަ ނުދައްކާ މަޑުން ތިބުމަށް ވެސް ރާޖުގެ މި ޓުވީޓްގައި ބުނެފައިވެ އެވެ.
މީގެ ކުރިން ރާޖުގެ އަންހެނުން އަދި މަޝްހޫރު ބަތަލާ ޝިލްޕާ އާއި އޭނާގެ ކޮއްކޮ ޝަމީތާ ޝެޓީ ވެސް ވަނީ ބިގް ބޮސް ބައިވެރިވެފަ އެވެ.
ކަލާޒް ޓީވީއިން ގެނެސްދޭ އެންމެ މަޝްހޫރު ރިއަލިޓީ ޝޯ "ބިގް ބޮސް 16" ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ފުރަތަމަ ދުވަހު އެވެ. މިފަހަރު ޝޯގައި ގިނަ މަޝްހޫރު ތަރިންތަކެއް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.