އިންޑިއާގައި ގިނަ ބައެއްގެ މަގުބޫލުކަން ލިބިފައިވާ އެއް ޝޯއެއްގެ ގޮތުގައި ބިގް ބޮސް ހިމެނެ އެވެ. ހަމަ އެހެންމެ ބިގް ބޮސްގެ ކޮންމެ ސީޒަނެއް ވެސް ބެލުންތެރިންގެ އިންތިޒާރުގައި ބަހައްޓަ އެވެ.

ޝޯގެ ހޯސްޓުކަން މަޝްހޫރު ފިލްމީ ތަރި ސަލްމާނު ޚާން ކޮށްފައިވާއިރު، ޝޯގެ ތެރެއިން ދިމާވާ ބައެއް ކަންކަމުގެ ސަބަބުން އޭނާގެ ގާތަށް ރުޅި އަންނަ ކަމަށް ދާދި ފަހުން ގޯހަރް ޚާން އެހި ސުވާލަކަށް ޖަވާބު ދެމުން ސަލްމާން ވަނީ ކިޔައިދީފަ އެވެ.

އެގޮތުން ޝޯގައި ބައިވެރިން ކުރަން ނުޖެހޭ ކަންކަން ކުރުމުން ސަލްމާން ވަރަށް ރުޅިގަދަވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ. އޭގެ އިތުރުން އޭނާ އެންމެ ބޮޑަށް ރުޅިއަންނަނީ ބައިވެރިން ހައްދުން ނައްޓާތީކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.

ޝޯގައި ވަރަށް ގިނައިން ސަލްމާން ވަނީ ބައިވެރިންނަށް ނުރުހުން ފާޅުކޮށްފަ އެވެ. އަދި އެނގިފައިވާ ގޮތުގައި ޝޯގައި ސަލްމާން، ބައިވެރިއަކު ބަހައްޓަން ބޭނުން ނުވާ ނަމަ، ގިނަ އަދަދެއްގެ ފައިސާ ދައްކައި، އެކަން ކުރެވޭ ކަމަށް ވެސް މައުލޫމާތު ލިބިފައިވެ އެވެ.

މި މަހުގެ 29 ވަނަ ދުވަހު ބިގް ބޮސްގެ 16 ވަނަ ސީޒަން އަންނާނެކަން އާންމުންނަށް ޕްރޮޑަކްޝަނުން ކަށަވަރުކޮށްދީފައިވާ އިރު، ގިނަ ބަޔަކު މިހާރު ދަނީ ޝޯ ފެށޭނެ އިރަކަށް އިންތިޒާރުކުރަމުންނެވެ.