ޔޯގާ ދުވަސް ފާހަގަ ކުރުމަށް ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތާއި ދެކޮޅަށް އެއްވި އެއްވުމުގެ ތެރެއިން ހިނގާ ދިޔަ ހަމަނުޖެހުމުގެ މައްސަލައިގައި 18 މީހެއްގެ މައްޗަށް ދަޢުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިދިޔަ ޖޫންމަހުގެ 21 ވަނަ ދުވަހު ބައިނަލްއަގުވާމީ ޔޯގާ ދުވަހުގެ ހަރަކާތާ ދެކޮޅަށް ގަލޮޅު ބޯޅަދަނޑު ހިމެނޭ ސަރަހައްދުގައި ބޭއްވި އެއްވުމުގެ ބައިވެރިން ގަލޮޅު ބޯޅަ ދަނޑު ތެރެއަށް ވަދެގަނެ، ޓެރަރިޒަމްގެ ޢަމަލު ތަކެއް ހިންގިކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި 18 މީހެއްގެ މައްޗަށް ދަޢުވާ ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭގެތެރޭގައި ށ.މިލަންދޫ، ނާޒް، ޝައިޚް ފަޟްލޫން މުހައްމަދާއި, ލ.މާމެންދޫ، ސޯސަންވިލާ، ޝައިޚް އާދަމް ނިޝާނާއި, ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލް ހިމެނެ އެވެ.

ފަޟްލޫނާއި ނިޝާންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ 8 ވަނަ މާއްދާގެ (ނ) ދަށުން، ޓެރަރިޒަމްގެ ޢަމަލެއް ކުރުމަށް ހިތްވަރުދިނުމުގެ ދަޢުވާ އެވެ. އެ ދަޢުވާ ސާބިތުވެއްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެ އެވެ.

މި މައްސަލައިގައި ހިމެނޭ މުހައްމަދު އިސްމާއިލާއި، މުހައްމަދު ދިލިއަންގެ މައްޗަށް ވަނީ އަދިވެސް އިތުރު ދައުވާއެއް އުފުލާފަ އެވެ. އެއީ، އަދުލު އިންސާފު ގާއިމްކުރުމަށް ހުރަސް އެޅުމުގެ ކުށުގެ ދައުވާ އެވެ.