ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްއަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ފަންޑް ރެއިޒިން ގާލާ ޑިނާގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފި އެވެ.

މިރޭ ހޮޓެލް ޖެންގައި ބޭއްވި މި ރަސްމިއްޔާތުގައި ރައީސް ސޯލިހު ވަނީ "އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަން އެވޯޑްސް" 3 ބޭފުޅަކަށް ޙަވާލުކޮށްދެއްވާފައެވެ. އަދި އެމަނިކުފާނުގެ އަނބިކަނބަލުންވެސް ވަނީ މި އެވޯޑް އިތުރު ތިން ފަރާތަކަށް ޙަވާލުކޮށްދެއްވާފަ އެވެ.

މި ޙަފްލާގައި ރައީސްގެ ދެކަނބަލުން ވަނީ "އެވެއާނަސް ކެމްޕެއިން" އިފްޠިތާޙްކޮށްދެއްވައި، މި ޙަފްލާގައި ކުރިއަށްދިޔަ "ލެޓްސް ގެޓް އެކްޓިވް" ގެ ނަމުގައި ހިންގި ޙަރަކާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސް އިން ބާއްވާ ފަންޑްރައިސިންގ ގާލާ ޑިނާ އަކީ ކޮންމެ އަހަރަކުވެސް އެ ޖަމުޢިއްޔާއިން ބާއްވަމުން އަންނަ ޙަރަކާތެކެވެ. އަދި މި ޙަރަކާތުން އެއްކުރާ ފައިސާ ބޭނުންކުރަނީ ކެންސަރ ސްކްރީނިންގ ހެދުމަށާއި، ކުރިޔާލާ ކެންސަރު ބަލި ދެނެގަނެވޭނެ ޢަލާމާތްތަކާގުޅޭގޮތުން މީހުން ހޭލުންތެރިކުރުމަށާއި، ޑައިގްނޯސްކޮށް އަދި ސްކްރީނިންގ އަށް ހޭލުންތެރިކަން އިތުރުކޮށް، ދުޅަހެޔޮ ދިރިއުޅުމަކަށް ވަކާލާތުކުރުމަށެވެ.

ކެންސަރ ސޮސައިޓީ އޮފް މޯލްޑިވްސްގެ އަމާޒަކީ ކެންސަރާ ދެކޮޅަށް ހަނގުރާމަކުރާ މީހުންގެ ތަޖުރިބާތައް މީހުންނާ ޙިއްޞާކުރުމާއި، މުޖުތަމަޢުގައި ކެންސަރާ މެދު ހޭލުންތެރިކަން އިތުރުކޮށް، ކެންސަރު ބަލި ތަޙައްމަލް ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، މަޢުލޫމާތާއި ބޭނުންވާ ވަޞީލަތްތައް ފޯރުކޮށްދީ، މުޖުތަމަޢުގެ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތްކުރުމެވެ. އަދި މި ޖަމުޢިއްޔާއިން އެންމެ އިސްކަންދޭ އެއްކަމަކީ ކެންސަރު ބަލީގެ ދިރާސާތައް ހެދުމާއި، ކެންސަރު ބަލީގެ ރެޖިސްޓަރޑް ޑޭޓާ ބޭސްއެއް ރާއްޖޭގައި އުފެއްދުމެވެ.