އެއްޖިންސުން ގުޅުން ހިންގިކަން ސާބިތުވެ ގާނޫނީ ވަކީލު އަހްމަދު ނާޒިމް އަބްދުއްސައްތާރު ތިން މަހާއި 26 ދުވަހަށް ގޭގައި ބަންދުކުރަން ކުރި ހުކުމުގެ އަދަބުގެ ބައި ދައުލަތުން އިސްތިއުނާފުކޮށްފި އެވެ.ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސިކިއުޓާ އަހްމަދު ޝަފީއު ވިދާޅުވީ އެ މައްސަލަ އިސްތިއުނާފު ކުރީ ނާޒިމަށް ދިން އަދަބާ މެދު ހިތްހަމަނުޖެހޭތީ އާއި އެ އަދަބު ކަނޑައަޅާފައި ވަނީ ގާނޫނުގައި އޮތް ގޮތާ ޚިލާފަށްކަމަށް ދައުލަތުން ދެކޭތީ ކަމަށެވެ.

ނާޒިމަށް އެ ހުކުމް އިއްވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އަލަމްރީރްއާ އެކު އެއްޖިންސުން ގުޅުން ހިންގިކަން ސާބިތުވުމުންނެވެ. އެ ދެ މީހުން އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވި އެވެ.

އެ މައްސަލައިގެ ހުކުމް ކުރަން ކައިރިވެފައި ވަނިކޮށް ނާޒިމް ވަނީ ދައުވާއަށް އިއުތިރާފުވެ، ތައުބާ ވެއްޖެ ކަމަށް ބުނެ ބަޔާނެއް ނެރެފަ އެވެ.

އަލަމްރީރާއެކު އެއްޖިންސުން ގުޅުން ހިންގި އެހެން މީހުންނަށް ކަނޑައެޅި އަދަބު ތަފާތެވެ. އެހެން މީހުންނަށް ނާޒިމަށް ވުރެ ބޮޑު އަދަބެއް ކަނޑައެޅުމުން ބައެއް މީހުންގެ ފާޑުކިޔުންތައް އަމާޒުވި އެވެ.