އިދިކޮޅުން އިއްޔެ ބޭއްވި މުޒާހަރާގައި ހައްޔަރު ކުރި މީހުން އަދިވެސް ދޫކޮށްނުލާ ކަމަށް ފުލުހުން ބުނެފި އެވެ.

އިދިކޮޅު ކޯލިޝަނުން އިއްޔެ މަސްވެރިންގެ ހައްގުގައި މުޒާހަރާކޮށްފައިވާއިރު، އެ މުޒާހަރާ ކުރިއަށް ގެންގޮސްފައި ވަނީ "ލޭނާރު" ގެ ނަމުގަ އެވެ. އެ މުޒާހަރާގައި ބައިވެރިން ހަރަކާތްތެރިވެފައި ވަނީ މާލޭ މަސް މާރުކޭޓް ސަރަހައްދުގަ އެވެ.

މުޒާހަރާގެ ތެރެއިން އަންހެނުން ހިމެނޭހެން 10 މީހުން ހައްޔަރުކޮށްފައިވާއިރު، އެ މީހުން އަދިވެސް ތިބީ ބަންދުގައި ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވަނީ މީޑިއާތަކަށް ކަށަވަރުކޮށްދީފަ އެވެ.

އެހެންނަމަވެސް މުޒާހަރާގެ ބައިވެރިން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރީ ކޯޓު އަމުރެއްގެ ދަށުން ކަމެއް ފުލުހުން ނުބުނެ އެވެ.

މި މުޒާހަރާގައި އިދިކޮޅުގެ އިސް ބޭފުޅުންވެސް ބައިވެރިވެފައިވެ އެވެ. ނަމަވެސް މުޒާހަރާ ހުއްޓުވުމަށް ފުލުހުން އާދަޔާ ހިލާފަށް ބާރުގެ ބޭނުން ކުރި ކަމަށްވެ އެވެ. އެގޮތުން ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހައިގެން މުޒާހަރާ ހުއްޓުވަން މަސައްކަތް ކޮށްފަ އެވެ.