ސިންގަޕޫރު (11 ޑިސެމްބަރު) - ކޮވިޑް ރޯގާއަށް ފަރުވާ ކުރެވިދާނެ ކަމަށް ބެލެވޭ އެންޓިބޮޑީއެއް ސިންގަޕޫރުގެ ކުންފުންޏަކުން ޓެސްޓް ކުރުމަށް ތައްޔާރުވެއްޖެ އެވެ.

ސިންގަޕޫރުގެ ބަޔޯ ޓެކްނޮލޮޖީ ފާމް ޓައިޗެން އިން ބުނިގޮތުގައި އެކުންފުނިން އުފެއްދި އެންޓިބޮޑީ ޓީ.ވައި 027 ގެ ކްލިނިކަލް ޓެސްޓް ފޭސް ތިނެއް ފެއްޓުމުގެ ހުއްދަ އެގައުމުގެ ހެލްތް ސައިންސް އޮތޯރިޓީން ވަނީ ދީފަ އެވެ. މި ޓެސްޓް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ކޮވިޑަށް ޕޮޒިޓިވް 1،305 ވޮލަންޓިއަރުން ބޭނުންކޮށްގެންނެވެ. އަދި މި ޓެސްޓްތަކުގައި ބައިވެރިވާ ވޮލަންޓިއަރުން ހޯދަނީ ސިންގަޕޫރުންނާއި އަދި އެހެން ގައުމުތަކުންނެވެ.

މި އެންޓިބޮޑީ ބޭނުންކުރާ މީހުން ކޮވިޑް ރޯގާއިން ރައްކާތެރިކުރުމަށް މަސައްކަތްކޮށްދީ، ރޯގާގެ އަލާމާތްތައް ކުޑަކޮށް، އަވަހަށް ރަނގަޅުކުރުމަށް އެހީތެރިވެދޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

ފޭސް ތިނެއްގައި ޓެސްޓްތަކުގައި ކޮވިޑަށް ފޮޒިޓިވް މީހުންގެ ލޭގެ ތެރެއަށް އެންޓިބޮޑީ ފޮނުވާލައި އެމީހުންގެ ހާލަތު އިތުރަށް ގޯސްވެގެންދޭ ތޯ ބަލަމުން ގެންދާނެ އެވެ.

ބަލިމީހުންގެ ހާލަތު އިތުރަށް ގޯސްނުވެ ރަނގަޅުވާނަމަ ބޭހުން ކޮވިޑް ރޯގާ އަށް ފަރުވާދެވޭ ކަމަށް ބެލެވޭނެ އެވެ. އަދި މި އެންޓިބޮޑީ ބޭނުންކުރި ގިނަ މީހުން ބަލިން ރަނގަޅުވެއްޖެ ނަމަ ދެން އޮންނާނީ ބަލި ނުޖެހޭ މީހުން ބޭނުންކޮށްގެން ފަށާ ޓެސްޓްތަކުގެ ފޭސް އެކެއް ފެށުމެވެ. ހުރިހާ ކަމެއް ވެސް އުންމީދުކުރާ ގޮތަށް ގޮސްފިނަމަ އަންނަ އަހަރު ޖޫން މަސް ތެރޭގައި މި ފޭސް ފެށޭވަރުވާނެ ކަމަށް އެ ކުންފުނިން ލަފާކުރެ އެވެ. – ޗެނެލް ނިއުސް އޭސިއާ