ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހއ. އިހަވަންދޫއަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ނުނިނުކުރީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން މިގައުމަށް ގެނެސްދޭ ތަރައްގީ އެ ރައްޔިތުން ބަލައިގަންނާތީ ކަމަށް އިހަވަންދޫ ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ޝިފާއު ވިދާޅުވެއްޖެ އެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި ޝިފާއު ވިދާޅުވީ ރައީސް ޔާމީނަށް މަރުހަބާ ދަންނަވަން ގިނަ ބަޔަކު ދިޔަ ސަބަބުތަކުގެ ތެރޭގައި ޕީޕީއެމްގެ އަނިޔާވެރި ވެރިކަމަށް ދުވަހަކު ވެސް އާނބަސް ބުނަން އެ ރައްޔިތުން ބޭނުން ނުވުން ހިމެނޭ ކަމަށެވެ.

އެހެންނަމަވެސް ޔާމީނަށް މަރުހަބާ ދަންނަވަން އިހަވަންދޫން ގިނަ ބަޔަކު ނުކުތެވެ.

ޝިފާއު މިހެން ވިދާޅުވިޔަސް ނިމިދިޔަ ރިޔާސީ އިންތިހާބުގައި އެމްޑީޕީން އިހަވަންދޫއަށް ވެފައިވާ ވައުދުތައް ނުފުއްދޭ ކަމަށް އެރަށު ރައްޔިތުން އަންނަނީ ބުނަމުންނެވެ. އެގޮތުން މިރޭ ޕީޕީއެމް އިން އެރަށުގައި ބޭއްވި ޖަލްސާގައި އިހަވަންދޫ ކައުންސިލްގެ ރައީސް އަހްމަދު ސޮބާހު ވިދާޅުވީ އެރަށަށް ވައުދުވެ އެ ވައުދުތައް ފުއްދެވި ރައީސަކީ ޔާމީން ކަމަށެވެ.

އޭނާ ވިދާޅުވީ އިހަވަންދޫ ސިއްހީ މަރުކަޒުގައި އާ އިމާރާތެއް އަޅައި އިތުރަށް ތަރައްގީކޮށްދެއްވީ ޔާމީން ކަމަށެވެ. އަދި މި ސަރުކާރުން އެރަށުގައި ހޮސްޕިޓަލެއް އަޅާނެ ކަމަށް ބުނެ ކުރެހުންތައް ކުރެހިތާ ތިން އަހަރުވެފައި ވީނަމަވެސް އެކަމަށް އަމަލީ ސިފަ އައިސްފައިނުވާ ކަމަށް ސޮބާހު ވިދާޅުވި އެވެ.