ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކުޅިވަރު ސިޔާސަތުގެ ގިނަ ކަންތައްތައް މިދައުރުގައި ހާސިލުވެފައިވާ ކަމަށް ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެ އެވެ.

ސަން އައިލެންޑް ރިސޯޓުގައި މިހާރު ކުރިއަށްދާ "ވޮލީބޯލް ވޯލްޑް ބީޗް ޕްރޯ ޓުއާ 2022" ގެ ތެރެއިން މިނިސްޓަރު މަހްލޫފު ވިދާޅުވީ ރައީސް ސޯލިހު ވައުދުވެފައިވާ ގޮތަށް ގައުމީ ޓީމުގެ ކުޅުންތެރިންނަށް ގިނަ ފުރުސަތުތަކެއް ހޯދައިދީފައިވާ ކަމަށެވެ.

އަދި މިއީ ރާއްޖޭގައި މިގޮތަށް ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާއިރު، މިއީ އެންމެ މައްޗަށް ރޭންކު ކުރެވޭ ފެންވަރުގެ ބޮޑު މުބާރާތެއް ކަންވެސް މަހްލޫފް ފާހަގަކުރައްވި އެވެ. އެގޮތުން މި މުބާރާތުގައި އެންމެ ޓޮޕް ލެވެލްގެ އެތްލީޓުންނާއި ވޯލްޑް ޗެމްޕިއަނުން ބައިވެރިވާ ކަމަށްވެސް މަހްލޫފް ވިދާޅުވި އެވެ.

މީގެ އިތުރުން މަހްލޫފް ވިދާޅުވީ، މިއަހަރުގެ ތެރޭގައި މިހާތަނަށް ބައިނަލްއަގްވާމީ ހަ މުބާރާތެއް ރާއްޖޭގައި ބާއްވާފައިވާ ކަމަށާއި މިއަހަރު ނިމޭއިރު މިގޮތަށް 10 މުބާރާތް ބޭއްވޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރަން ރައީސްގެ ކުޅިވަރު ސިޔާސަތު ކުރިއަރުވަން މިކުރާ މަސައްކަތުގެ ތެރެއިން ހަމަގައިމު ވެސް މިކަހަލަ ބައިވަރު ކަންތައްތަކެއް އަޅުގަނޑުމެންނަށް މިވަނީ ހާސިލް ކުރެވިފައި،" މަހްލޫފް ވިދާޅުވި އެވެ.

ސަން އައިލެންޑްގައި ކުރިއަށް ގެންދާ މި މުބާރާތުގައި ދުނިޔޭގެ 28 ގައުމަކުން 200 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވެފައިވެ އެވެ.

މިމަހުގެ 13 ވަނަ ދުވަހުން ފަށައިގެން ކުރިއަށްދާ މިމުބާރާތް މާދަމާގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

ސަން އައިލެންޑް ރިސޯޓުގައި ކުރިއަށްދާ މި މުބާރާތް ބައްލަވާލެއްވުމަށް ރައީސް އެ ރިސޯޓަށް ވަޑައިގެންފައިވެ އެވެ.