ބޮލީވުޑްގައި 80 އާއި 90 ގެ އަހަރުތަކުގައި ގިނަ އަދަދެއްގެ ފިލްމުތަކެއް ބެލުންތެރިންނާއި ހަމައަށް ގެނެސްދިން ތަރިއެއްގެ ގޮތުގައި ކާދިރް ޚާން ހިމެނެ އެވެ. ހަމަ އެހެންމެ ފިލްމު އިންޑަސްޓްރީގައި ކާދިރް ނޭނގޭނެ މީހަކު މަދުވާނެއޭ ބުނުމުން ވެސް ދޮގަކަށް ނުވާނެ އެވެ.

ކާދިރްގެ ފިލްމީ ކެރިއަރަށް ބާލާއިރު އޭނާ ވަނީ ސްކްރިޕްޓް ލިޔުމުގައާ، ފިލްމު ކުޅުމުގެ އިތުރުން ފިލްމު ޑައިރެކްޓުކުރުމުގައި ވެސް ބުރަ މަސައްކަތް ކޮށް، އާންމުންގެ ލޯބި ހޯދާފަ އެވެ. އެގޮތުން ކާދިރް އޭނާގެ އެންމެ ފުރަތަމަ ފިލްމުގެ މަސައްކަތް ކޮށްފައިވަނީ 1973 ވަނަ އަހަރު ނިކުތް ލޯބީގެ ފިލްމަކުންނެވެ. އަދި އެފިލްމަށްފަހު ކާދިރްގެ ފިލްމީ ކެރިއަރު ކާމިޔާބު ވުމުގެ ސަބަބުން، އެ ކެރިއަރުން އޭނާ ފަހަތަށް އެނބުރި ބާލާފައެއް ނުވެ އެވެ.

ކާދިރްގެ ހަޔާތުގައި އޭނާ ވަނީ 300 އަށް ވުރެ ގިނަ ފިލްމު ކުޅެފަ އެވެ. އޭގެ ސަބަބުން އޭނާއަށް އިސާހިތަކު ދުނިޔެވީ ތަނަވަސްކަމާއި، އިއްޒަތާއި ގަދަރު ލިބުނެވެ.

ކާދިރު ބޭނުންވި ހުރިހާ އެއްޗެއް ލިބުނު ނަމަވެސް، އޭނާގެ ހަޔާތުގައި ވަރަށް ބޮޑު އުނިކަމެއް ވާކަން އިހުސާސްވިކަމަށް އޭނާ ބުނެފައިވެ އެވެ. އަދި އެއީ ކޮން އެއްޗެއްކަން އޭނާއަށް އިހުސާސްވީ އުމުރުގެ ފަހު އަހަރުތައް ގުނަމުން ދަނިކޮށެވެ.

ކާދިރް ބުނިގޮތުގައި އޭނާގެ ހަޔާތުގައި އުނިވަމުން ދިޔައީ ހަގީގީ ހިތްހަމަޖެހުމާއި އުފާވެރިކަމެވެ. ރޫހާނީ ހިތްހަމަޖެހުމެވެ. އެކަން އޭނާއަށް ހާސިލްވީ އިސްލާމް ދީން އިތުރަށް އުނގެނި، އެއަށް އަމަލުކުރަން ފެށުމުން ކަމުގައި ކާދިރް ބުނެފައިވެ އެވެ.

އަފްޣާނިސްތާނުގެ ސުންނީ މުސްލިމް އާއިލާއަކަށް ނިސްބަތްވާ ކާދިރް އޭނާގެ ބައްޕަ އެދުނު ފަދައިން ފިލްމީ ދުނިޔެއާ އަލްވަދާއު ކިޔެވެ. އަދި އިސްލާމް ދީން އިތުރަށް އުނގެނި، މީހުންނަށް އުނގަންނައިދީ، ދީން ފެތުރުމަށް މަސައްކަތް ކުރަންފެށި އެވެ. އެގޮތުން ދީނާއި ގުޅޭގޮތުން އެކި ފޮތްތައް ލިޔެ ދީން ފެތުރުމަށްޓަކައި އޭނާގެ މަސައްކަތް ފުޅާކުރަމުންދިޔަ އެވެ.

ކާދިރް ނިޔާވީ 2018 ވަނަ އަހަރުގަ އެވެ. އޭނާ ނިޔާވީ، ނޭވާ ހާސްވުމާ ގުޅިގެން އެނދުމަތި ކޮށްފައިވަނިކޮށެވެ.