އިސްލާމް އާބާދު (22 އޮކްޓޯބަރު) - ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާންއަށް އެ ގައުމުގެ އާއްމު އިންތިހާބުގައި ބައިވެރި ނުވެވޭ ގޮތަށް އިލެކްޝަން ކޮމިޝަނުން ނިންމައިފި އެވެ.

އެ ގައުމުގެ ކޮމިޝަނުން މިކަން ނިންމީ އިމްރާން ޚާނަކީ އޭނާގެ ބޮޑުވަޒީރުކަމުގެ ދައުރުގައި ކޮރަޕްޝަންގެ ގިނަ އަމަލުތަކެއް ހިންގާފައިވާ ފަރާތެއް ކަމަށް ބުނެ އެވެ.

ކޮމިޝަަންގެ މި ނިންމުމާއެކު އިމްރާން ނިސްބަތްވާ ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީއިން (ޕީޓީއައި) ވަނީ މި ހުކުމާ ދެކޮޅު ހަދައި ސަޕޯޓަރުން މަގުމައްޗަށް ނުކުތުމަށް ގޮވާލާފަ އެވެ.

ޕީޓީއައި އިން ބުނީ އިލެކްޝަން ކޮމިޝަންގެ ނިންމުމަކީ ލަދުވެތި ނިންމުމެއް ކަމަށާއި އެއީ އިމްރާން ޚާންއާ އޮތް ޒާތީ މައްސަލައެއްގެ ސަބަބުން ނިންމި ނިންމުމެއް ކަމަށެވެ.

އިމްރާނާ ދެކޮޅަށް އިލެކްޝަން ކޮމިޝަނަށް މައްސަލަ ހުށައަޅާފައި ވަނީ މިދިޔަ އޮގަސްޓްމަހު އިދިކޮޅު ޕާކިސްތާން މުސްލިމް ލީގްގެ ޕާލިމެންޓް މެމްބަރެކެވެ.

އިތުބާރު ނެތް ކަމުގެ މައްސަލައެއްގައި މިދިޔަ އޭޕްރީލް މަހު ބޮޑުވަޒީރު ކަމުގެ މަގާމުން ދުރު ކުރެވުނު އިމްރާން ވަނީ ކޮމިޝަަންގެ ހުކުމަކީ އެއްފަރާތަކަށް ބުރަވެފައިވާ ނިންމުމެއް ކަމަށް ތުހުމަތު ކޮށްފަ އެވެ.

އިމްރާން ސަސްޕެންޑް ކުރެވުނީ ކިހާ މުއްދަތަކަށް ކަން ސާފު ނުވާއިރު މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ އެއީ މި ހިނގާ ދައުރަށް އެކަނި ނިންމި ނިންމުމެއް ކަމަށެވެ. -- އަލްޖަޒީރާ