ލަންޑަން (23 އޮކްޓޯބަރު) - ހުސްވެފައިވާ އިނގިރޭސި ވިލާތުގެ ބޮޑުވަޒީރު ކަމަށް މީގެ ކުރިން އެ މަގާމު ފުރުއްވާފައިވާ ކަނާތު ފިޔައިގެ ބޮރިސް ޖޯންސަން އަނެއްކާ ވެސް ކުރިމަތިލައްވަން ނިންމަވައިފި އެވެ.

އެގޮތުން ބޮރިސް ވަނީ އެ ނިންމުމުގައި ކަނާތު ފިޔައިގެ ތާއީދު ހޯއްދެވުމަށް މަސައްކަތް ފައްޓަވާފަ އެވެ.

އެންމެ ފަހުން ބޮޑުވަޒީރަކު އިންތިހާބު ކުރަން ބޭއްވި އިންތިހާބުގައި ކަނާތު ފިޔައިގެ ޕާޓީ ތަމްސީލް ކުރެއްވީ އިންޑިއާ ނަސްލުގެ ރިޝީ ސުނަކް އެވެ. އޭރު އެ މަގާމުގައި ހުންނެވީ ބޮރިސް އެވެ. އެހެން ނަމަވެސް ރިޝީ ސުނަކްއާ ވާދަކޮށް އިންތިހާބު ކާމިޔާބު ކުރެއްވީ ވައަތު ފިޔައިގެ ލިޒް ޓްރޫސްއެވެ.

ޓްރޫސް މަގާމަށް އިސްވެ ވަޑައިގެން ނިންމެވި އިގްތިސާދީ ނިންމެވުންތަކަކާ އެކު ގައުމު ހަލަބޮލިވެފައިވާއިރު ކުރިމަތިވި ފިއްތުންތަކުގައި ޓްރޫސް ވަނީ މަގާމުން އިސްތިއުފާ ވެސް ދެއްވާފަ އެވެ.

އަލުން މަގާމަށް ކުރިމަތިލައްވަން ބޮރިސް މަސައްކަތް ކުރެއްވެވި ނަމަވެސް އެކަމަށް ބޭނުންވާ ތާއީދު ހޯއްދެވުމުގައި ގިނަ ގޮންޖެހުންތަކަކާ އޭނާއަށް ދަނީ ކުރިމަތިވަމުންނެވެ.

އެގޮތުން ބޮރިސްގެ ބޮޑުވަޒީރު ކަމުގައި ވެސް ގައުމުގެ ގިނަ ކަންކަން ބޮއްސުންލާފައި ވާ ކަމަށާއި އެކަންކަން ތަކުރާރުވާން ނޭދޭ ކަމަށް ކަނާތު ފިޔައިގެ ބައެއް މެމްބަރުން ބުނެ އެވެ. -- އަލް އަރަބިއްޔާ